ޚަބަރު

ތަޙްޤީޤަގުޅޭ މަޢުލޫމާތު ނަޢީމާ މޫސާގެ ޢާއިލާއާ ޙިއްޞާކުރައްވައިފި


ނ.މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނަޢީމާ މޫސާގެ މަރުގެ މައްސަލައިގެ ތަޙްޤީގުގައި ކުރެވުނު ބައެއް މަސައްކަތްތަކާއި، ތަޙްޤީޤާގުޅޭ މަޢުލޫމާތު ޢާއިލާއާ ޙިއްޞާކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެރަށު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޢާންމު މުވައްޒަފުންނާ ވަނީ ބައްދަލުުކުރައްވައިފައެވެ.

އަދި ނ. މަނަދޫ / އަންނާރުމާގެ، ނަޢީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބައްލަވައިލައްވައިފައެވެ. އަދި ސީޕީ ވަނީ ނަޢީމާ މޫސާގެ ޢާއިލާއާ ބައްދަލުކުރައްވައި، ތަޙްޤީޤާގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވައިފައެވެ.

މަނަދޫގައި މަރުވެފައި އޮތްވައި މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެނުނު ނ.މަނަދޫ އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް ދަނީ މަނަދޫގައި މިހާރުވެސް ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަޙްޤީޤާ ގުޅޭގޮތުން މިހާތަނަށް ފުލުހުން މާގިނަ މަޢުލޫމާތެއް ހާމަކުރައްވައިފައެއް ނުވެއެވެ.

ސީޕީ ވަނީ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ނަޢީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދަން ޙަރަކާތްތެރިވާ އިންވެސްޓިގޭޓަރުން، ފޮރެންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައެވެ.

ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. އަތޮޅު މަނަދުއަށް ވަޑައިގެން، އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ. އަދި ނ. މަނަދޫގައި އަލަށް އިމާރާތްކުރާ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހިނގާ ތަނަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ބައްލަވައިލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މިދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަނެއެވެ.