ޚަބަރު

ޚާރިޖީ ވަޒީރާއި އޭޖީ ބްރަސްލްސްއަށް ކުރެއްވި ދަތުރުފުޅު


ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލް ބްރަސްލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބްރަސެލްސްއިން ފުރާވަޑައިގެންފިއެވެ.

ބްރަސްލްސްގައި ޚާރިޖީ ވަޒީރު ދުންޔާއާއި އަނިލްވަނީ ޔޫރަޕިއަން ޕާލިއަމެންޓްގެ، ދެކުނު އޭޝިޔާގެ ޤައުމުތަކާއެކު އޮންނަ ގުޅުންތަކާ ބޭހޭ ޑެލިގޭޝަންގެ ޗެއަރ މެޑަމް ޖީން ލެމްބަރތް އާ ބައްދަލު ކުރައްވާފައެވެ. ޔޫރަޕިއަން ޕާލަމެންޓްގައި ބޭއްވުނު ބައްދަލު ކުރެއްވުމުގައި އެދެބޭފުޅުންވަނީ ރާއްޖޭގެ ސިޔާސި މަޞްރަޙުގެ ކަންކަމާބެހޭ ތަފްސީލް އެކަމަނާއަށް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ސިޔާސީ ޕާޓީ ތަކުގެ މެދުގައި އަލުން ފަށާފައިވާ މަޝްވަރާތަކާބެހޭ ތަފްޞީލްތައްވެސް ދެއްވާފައިވެއެވެ. ރާއްޖޭގައި އަމަން އަމާންކަން ދެމެހެއްޓުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެކި އެކި މުވައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ތައްވެސް ފަށާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކާ ޔޫރަޕިއަން ޕާލިމެންޓް ހިމެނޭ ގޮތުން ބޭރުގެ އެކި ފަރާތްތަކާއެކުވެސް ބިނާކުރުވަނިވި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ރާއްޖޭން ތައްޔާރަށް އޮތް ކަމަށްވެސް މިނިސްޓަރ ދުންޔާ ވިދާޅުވެފައިވެއެވެ. ބްރަސްލްސް އަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ޚާރިޖީ ވަޒީރު ދުންޔާ ވަނީ ޖެނީވާގައި ކުރިއަށްދިޔަ އ.ދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ އެއްތިރީސްވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ތަޤުރީރު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވުމުން ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އިންސާނީ ތަރައްޤީ ދަމަހައްޓާ، ފާގަތިކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ދިމިޤުރާތީ ނިޒާމެއް އޮތް ޤައުމަކަށް ހައްދަވާނެކަމަށެވެ. އަދި ސިޔާސީ ގޮތުން ފުރާފުރިހަމަވެފައިވާ ފުދުންތެރި ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޅަފަތުގައި އޮތް ޑިމޮކްރަސީ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޤަބޫލުކުރައްވާކަމުގައިވެސް ދުންޔާގެ ތަޤުރީރުގައި ފާހަގަކުރައްވާފައިވެއެވެ.