ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގައި މާޅޮހުން ގޮއިދޫގެ މައްޗަށް ކުރިހޯދައިފިއެވެ.
ބ. އަތޮޅުގެ ފުޓްބޯޅައިގެ ގަދަބާރެއްކަމަށްވާ ގޮއިދޫ ބަލިވީ 2-1 ންނެވެ. މި މެޗްގައި ފުރަތަމަ ލަނޑުޖެހީ މާޅޮސް ޓީމުންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މުހަމަދު ހަމްދާނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ދެވަނަ ހާފްގައި މާޅޮހުން ފަރަގު ބޮޑުކުރީ އެ ހާފް ފެށިގެން ދެވަނަ މިނެޓްގައި އިބްރާޙިމް ވިއާމް ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި ގޮއިދޫ ޓީމުން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާޖިދެވެ.
މި މުބާރާތުގައި ރޭ ކުޅުން ދެވަނަ މެޗްގައި ބ. އަތޮޅުގެ ފުޓްސަލްގައި އެންމެ ވާދަވެރި ދެ ޓީމްގެ ކުރިމަތިލުން ކާމިޔާބުކުރީ އޭދަފުށިންނެވެ. ހިތާދޫއާ ދެކޮޅަށް ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ހިތާދޫ ޓީމުންނެވެ. އެޓީމަށް އެލަނޑު ޖަހައިދިނީ މެޗްގެ ފެށިގެން ދެވަނަ މިނެޓްގައި ސާޖިދު ރަޝީދުއެވެ. މިލަނޑު ޖަހާ ދެމިނެޓްފަހުން އޭދަފުށިން ނަތީޖާ ހަމަކުރިއެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޙީ މޫސާއެވެ. އަދި މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭދަފުށިން ވަނީ ލީޑު ނަގައިދީފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސީމެވެ.
އަދި މި މެޗުގެ ދެވަނަ ހާފްގައި ހިތާދޫއިން ކުޅުން ރަނގަޅުކޮށް ލިބުނު ފުރުސަތުގައި ނަތީޖާ ހަމަކުރިއެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ހުޒެއިފަތު ރަޝީދެއެވެ. އެކަމަކު މި މެޗުން އޭދަފުށި މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އަލީ ނަސީމްއެވެ.