ނަރުހުންނަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރެވޭނީ، ނަރުހުންގެ މަސައްކަތުގެ މުހިއްމުކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޞިއްޙީ ދާއިރާގެ އެންމެ މުހިއްމު އެއް ދައުރު އަދާކުރާ ބަޔަކީ ނަރުހުންކަމަށެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޑިނާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ނަރުހުންގެ ވަޒީފާއަކީ މުހިއްމު ވަޒީފާއެއްކަން ފުރަތަމަ ވިސްނައި، އެކަން ޤަބޫލުކުރަންޖެހޭ ބަޔަކީ ނަރުހުންކަމަށެވެ. އަދި ޒިންމާދާރުކަމާއެކު ނަރުހުންނަށް މަސައްކަތް ކުރެއްވޭނީ އެބޭފުޅުންގެ މަސައްކަތަކީ މުހިއްމު މަސައްކަތެއްކަން ނަރުހުންގެ ހަނދާނުގައި ބަހައްޓައިގެންކަމަށް ފަޒްނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ނަރުހުންނަކީ ހަމައެކަނި އިންޖެކްޝަން ޖަހާ ބައެއް ނޫންކަމަށާއި، ނަރުހުން ބަލި މީހާއާ ދިމާވާ ވަގުތު ކުރެވޭ ފުރަތަމަ މުޢާމަލާތުތަކުން ވެސް ނަރުސް މީހާއާބެހޭ ގިނަ ކަންތައްތަކެއް ބަލި މީހާ ދެނެގަންނަކަމަށެވެ. އެހެންކަމުން ކޮންމެ ނަރުހަކީވެސް އަދި މިދާއިރާއަށް ނުކުންނަ ހުރިހާ އެންމެންނަކީވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ބަލި މީހުންނާ މުޢާމަލާތުކުރާ ބަޔަކަށްވުމަށް ފަޒްނާ ވަނީ އިލްތިމާސްކުރައްވްަްއިފައެވެ.
"ހިތަށް ގެނެސް ތަޙައްމަލްކުރަން ދަތި އެތައް ޙާލަތަކާ ނަރުހުން ކުރިމަތިލާ. އެފަދަ އެތައް ކަމަކާ ނަރުހުން ކުރިމަތިލަނީ، އަވަސް އަދި ކެތްތެރިކަމާއެކު." ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.
ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް އަންނަނީ އިންތިޒާމުކުރަމުންނެވެ. ނަރުހުންގެ ހުނަރު ދައްކާލުމާއި ނަރުހުންނަށް ޚާއްޞަ ޑިނާ ނައިޓް ފަދަ އެކި ޙަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.
ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހެވެ. ނަރުހުންގެ ދުވަސް މި އަހަރު ބައްދަލުވީއިރު ނަރުހުން ކުރަމުން އައި ބޮޑު ޝަކުވާއަކަށް ސަރުކާރުން ވަނީ ޙައްލު ގެނެސްދެއްވައިފައެވެ. އެގޮތުން ނަރުހުން ހިމެނޭހެން ޞިއްޙީ ދާއިރާގެ މުސާރައަށް ވަނީ ހެޔޮ ބަދަލެއް ގެންނަވައިފައެވެ. މިގޮތުން 1900 އަށްވުރެ ގިނަ ނަރުހުންގެ މުސާރައަށް ވަނީ ކުރިއެރުން ލިބިފައެވެ.