ކުޅިވަރު

ބެޓަރ އިން ބާ: އަންހެން ޑިވިޝަނުގައި ގޮއިދޫ އާއި ދޮންފަނަށް ފަސޭހަ މޮޅެއް


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ގޮއިދޫން އޭދަފުށި ފަސޭހަކަމާއެކު ބަލިކޮށްފިއެވެ.

މި މެޗުން އެ ޓީމު މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ގޮއިދޫ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނުއިރު، އެ ޓީމުން ލީޑު ނެގީ ހަތްވަނަ މިނެޓްގައި ފިރުޝާނާ ނަސީރު ކާމިޔާބުކުރި ލަނޑުންނެވެ. ގޮއިދޫ ޓީމްގެ ދެވަނަ ލަނޑަކީ އޭދަފުށީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮއިދޫއިން އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާކުރިއެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ މި މެޗްގައި މޮޅު ކުޅުމެއް ދެއްކި މައިޝާ އަބްދުލް ހަންނާނުއެވެ.

މި މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ގޮއިދޫން ހަތަރު ވަނަ ލަނޑު ޖެހިއެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާނިޔާއެވެ. މި މެޗްގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިޝާ އަބްދުލް ހަންނާނުއެވެ. އަދި ގޮއިދޫ ޓީމުން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ މަރިޔަމް ނަޒާހަތެވެ.

ދަރަވަންދޫގައި ކުރިއަށްގެންދާ މި މުބާރާތުގެ އަންހެން ޑިވިޝަންގައި ގްރޫޕް އޭގައި ހިމެނޭ ދޮންފަނާ ކެންދޫ ބައްދަލުކުރި މެޗުން ދޮންފަނުގެ އަންހެން ޓީމް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށް ލިބުނު މިމެޗްގައި ދޮންފަނު ޓީމުން ޖެހި ތިންލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިމިނަތު ފަޒްލާއެވެ.