ދައުލަތުގެ ނޮމިނަލް ޖީޑީޕީ، ނުވަތަ ޤައުމީ އުފެެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއަށް މިއަހަރު އަރާނެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން މިިކަން ހާމަކުރައްވާފައިވަނީ އިޤްތިޞާދީ ޙާލަތު ބަޔާންކޮށް، ޢާއްމުކުރައްވާފައިވާ "މެކްރޯއިކޮނޮމިކް އަޕްޑޭޓް" ރިޕޯޓްގައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 107.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރާއިރު މިއީ އިޤްތިޞާދީގޮތުން މިހާތަނަށް އަންނާނެކަމަށް ލަފާކުރެވޭ އެންމެ ބޮޑު ބަދަލުކަމަށް ރިޕޯޓްގައި ފާހަގަވެފައެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ އިޤްތިޞާދަށް އެކި ހުރަސްތައް ކުރިމަތިވަމުންދިޔަނަމަވެސް، ރާއްޖެއިން އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކަކީ ސަރުކާރުން އަޅަމުންދާ ހަރުދަނީ އިޤްތިޞާދީ ފިޔަވަޅުތަކުގެ ނަތީޖާކަމަށެވެ. އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު، އެކަމުގެ ސަބަބުން ދަތުރުފަތުރާއި، އިމާރާތްކުރުމާއި އެހެނިގެން ސިނާއަތްތަކަށްވެސް ކުރިއެރުން ލިބެމުންދާކަމަށެވެ.
For the first time, Maldives nominal GDP will surpass the MVR 100 billion mark. This is a testament to the sound macroeconomic policies adopted by the government to achieve steady growth regardless of the multiple crisis we face. pic.twitter.com/z1aC24fp5U
— Ibrahim Ameer (@iameeru) May 13, 2023
ރާއްޖެއިން އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތައް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ފަތުުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެެރުންތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަމަށް ވޯލްޑް ބެންކުންވެސް ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ވޯލްޑް ބެންކުން އެންމެފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތަށްވެސް އޭގެ ހެޔޮ އަސަރުކުރަމުންދާކަމަށެވެ. އެގޮތުން އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ވޯލްޑް ބެންކުން ބުނެފައިވެއެވެ.