ކުޅިވަރު

ޖުމްލަ 47 ސްކޫލަކާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ފަށަން ތައްޔާރު


ރާއްޖޭގެ ސްކޫލުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު އެތުލެޓިކްސް މުބާރާތް ކަމަށްވާ އިންޓަރ ސްކޫލް އެތުލެތިކްސް މުބާރާތް ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި މިއަހަރު ރާއްޖޭގެ 47 ސްކޫލަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ މުބާރާތުގައި މާލޭގެ 22 ސްކޫލަކުން ވާދަކުރާއިރު އަތޮޅުތަކުން 25 ސްކޫލް ވާދަކުރެއެވެ. އަތޮޅުތަކުން ވާދަކުރާ ސްކޫލުތަކުގެ ތެރޭގައި އައްޑޫގެ 9 ސްކޫލަކާއި ކުޅުދުއްފުށީގެ ތިން ސްކޫލް ހިމެނެއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މިއަހަރުގެ މުބާރާތް ކުރިޔަށްދާއިރު، މިއަހަރުގެ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައިި ޖޫނިއަރ ގިނަ ރެކޯޑުތަކެއް ވަނީ މުގުރާލާފައެވެ. އެގޮތުން ޖޫނިއަރ އަދި ސްކޫލުން ރެކޯޑުތައް އެއްކޮށް ޖުމްލަ 32 ރެކޯޑެެއް މިދިޔަ އަހަރު ވަނީ މުގުރާލާފައެވެ. ޖުމްލަ 102 އިވެންޓެއް މިދިޔަ އަހަރު ކުރިޔަށްދިޔައިރު، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ސްކޫލްތަކަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

1800 އަށްވުރެ ގިނަ ކުދިން މިދިޔަ އަހަރު ބައިވެރިވިއިރު އަތޮޅުތަކުގެ ސްކޫލުތަކުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ގިނަ ސްކޫލުތަކަކުން ވަނީ މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވެފައެވެ.