ކުޅިވަރު

"ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާ ފަށައިފި


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާ ފަށައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް، ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ރަށްރަށުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމެވެ. މީގެ އިތުރުން ބ.އަތޮޅު އިތުރަށް އިސްތިހާރު ކުރުމަކީވެސް މި މުބާރާތް ބާއްވާ ސަބަބެއްކެވެ.

މި މުބާރާތް ހުޅުވުމަށް ދެ ޑިވިޝަންގެ މެޗްތައް ވަނީ ކުޅެފައެވެ. އަންހެން ޑިވިޝަންގައި ދަރަވަންދޫ އަންހެންޓީމާ ހިތާދޫ އަންހެންޓީމް ބައްދަލުކުރި މެޗުން މޮޅުވީ ދަރަވަންދޫ ޓީމްއެވެ. މި މެޗް އެޓީމުން ކާމިޔާބުކުރީ 6-0 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ޓީމަށް ހެޓްރިކް ހަދައިދިން ފާތުމަތު މައިހާއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީއަށް ދަތުރުކުކުރާ ގޮތައް ރާވާފައިވާ، މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު މެޗްގައި ބައްދަލު ކުރީ ގްރޫޕް އޭގައި ހިމެނޭ ދަރަވަންދޫ އާ ފެހެންދޫ އެވެ. މި މެޗް 2-2 ން އެއްވަރުވެފައިވާއިރު، ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗްގެ ދަރަވަންދޫއިން މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއްޖެހިއެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސިމާން އެވެ. މި ލަނޑުޖަހާ އިރުކޮޅެއްގެ ތެރޭގައި ފެހެންދޫއިން ނަތީޖާ ހަމަހަމަކުރިއެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ރީހާންއެވެ.

މެޗުން ފުރަތަމަ ފަހަރަށް ލީޑް ފެހެންދޫ ޓީމުން ނެގީ އެޓީމްގެ އަހުމަދު ނިޒާމް (ނިޒާމްބެ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު ދަރަވަންދޫ އިން އެޓޭކް ވަރުގަދަކޮށް ނަތީޖާ ހަމަކުރިއެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ ސާމިހު އަލީ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކިހާދޫ އާ ކަމަދޫއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫ ޓީމްގެ މުހައްމަދު ރީހާންއެވެ.

އަންހެން ފިރިހެން ޗެމްޕިއަން ޓީމަށް 50000 ރުފިޔާ، ރަނައަޕް ޓީމަށް 25000 ރުފިޔާ، ދޭ މި މުބާރާތުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ބައިވެރިވަނީ 10 ރަށަކުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.