ޚަބަރު

ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު ދިވެއްސެއް އިންޑިއާއިން ހައްޔަރުކޮށްފި


ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ. 325.5 ގްރާމުގެ ހުރި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ޔޫސުފް ފުޢާދު ކިޔާ ދިވެއްސެއްކަމަށް އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި، ދިވެހި މީހާގެ ހަށިގަނޑު މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ 33 ކެޕްސޫލު ފެނިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ މަސްތުވާތަކެތީގެ އަގު 748،000ރ އާއި ގާތްކުރާނެކަމަށްވެސް މީޑިއާއިން ބުނެފައިވެއެވެ.


އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯހުން ވަނީ ޔޫސުފް ފުއާދު ހައްޔަރުކޮށް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ މަސްތުވާތަކެތި ހޯދާ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަގޮތުގައި އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ "ނެޕީ"އެއް ޖަހައިގެންނެވެ.

މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން އޭނާ މިވަގުތު ހުރީ އެންސީބީގެ ބެލުމުގެ ދަށުގައިކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކުރެއެވެ.