ޚަބަރު

ޔޫކްރެއިނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޮނުވާ ފުރަތަމަ ޤައުމަކަށް އިނގިރޭސިވިލާތް


ޔޫކްރެއިންގެ މިނިވަންކަމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ އެ ޤައުމުގެ އަސްކަރިއްޔާއަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެ ކަން އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ދިފާޢީ ވަޒީރު ބެން ވޮލެސްއެވެ. އިނގިރޭސިވިލާތަކީ މި ފަދަ ދުރު ރާސްތާ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދޭ ފުރަތަމަ ޤައުމެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ ފަހުގެ ޒަމާނީ ހަތިޔާރު ހޯދަން މަސައްކަތް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ދުރު ރާސްތާ މިސައިލް ވެސް ހިމެނެއެވެ. ނަމަވެސް، ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުން އެ ފަދަ މިސައިލް ފޮނުވަން އެއްބަސްވެފައެއް ނުވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން މީގެ ކުރިން ޔޫކްރެއިނަށް ކުރު ރާސްތާގެ މިސައިލާއި ރޮކެޓް ފަދަ ހަތިޔާރު ވަނީ ފޯރުކޮށްދީފައެވެ. އެ ޤައުމަށް ދުރު ރާސްތާގެ މިސައިލް ފޯރުކޮށްދީފި ނަމަ، އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާދޭނެ ކަމަށް އެ ޤައުމުތަކުން ދެކެއެވެ. އަދި އެ ފަދަ އަމަލެއް ހިންގައިފި ނަމަ، މަސްރަޙު އިތުރަށް ނުތަނަވަސްވާނެ ކަމަށް އެ ޤައުމުތަކުން ގަބޫލުކުރެއެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވޮލެސް ވިދާޅުވީ، އެ ޤައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައި ވަނީ "ސްޓޯމް ޝެޑޯ" މަރުކާގެ ދުރު ރާސްތާ ކްރޫޒް މިސައިލް ކަމުގައެވެ. އެއީ، 250 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާފައިވާ "ހައިމާސް" މަރުކާގެ ރޮކެޓުގެ ރާސްތާއަކީ 80 ކިލޯމީޓަރެވެ.

"ރަޝިޔާއިން ސިފައިން ފޮނުވައިގެން ޔޫކްރެއިނުގެ ޢާންމު ރައްޔިތުން މަރަމުންދާއިރު އަޅުގަނޑުމެންނަށް ބަލަން ތިބެވޭކަށް ނެތް،" ވޮލެސް ވިދާޅުވިއެވެ. ނަމަވެސް، ޔޫކްރެއިނަށް ފޯރުކޮށްދޭ ކްރޫޒް މިސައިލްތައް ބޭނުންކޮށްގެން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ އެއްވެސް ރަށަކަށް ޙަމަލާދިނުން ޔޫކްރެއިނަށް މަނާވާނެއެވެ. ޔޫކްރެއިނުން އެ ގޮތަށް އެއްބަސްވެފައިވާ ކަމުގައި ވެސް ވޮލެސް ވިދާޅުވިއެވެ.

މި ފަދަ ނުރައްކާތެރި ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމަކީ މަސްރަޙު އިތުރަށް ހޫނުވާނެ އަމަލެއް ކަމުގައި ރަޝިޔާއިން ވަނީ ބުނެފައެވެ. އަދި، އިނގިރޭސިވިލާތުން ދުރު ރާސްތާ ކްރޫޒް މިސައިލް ޔޫކްރެއިނަށް ފޮނުވައިފި ނަމަ، އެ ކަމާ ބައްދަލު ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް ރަޝިޔާއިން ވަނީ ދީފައެވެ.

ޔޫކްރެއިންގައި އެންމެ ވަރުގަދައަށް މި ވަގުތު ހަނގުރާމަ ހިނގަމުން ދަނީ އެ ޤައުމުގެ އިރުމަތީގައިވާ ބަޚްމުތްގައެވެ. އެއީ ދޮންބާސް ސަރަޙައްދުގައި އޮންނަ ދެ ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދު ކަމުގައިވާ ޑޮނެޓްސްކުގެ ރަށެކެވެ. އެ ރަށް ހިފަން ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ 10 ވަރަކަށް މަސް ކުރިންނެވެ.

ބަޚްމުތްގެ ބޮޑު ސަރަޙައްދެއް ރަޝިޔާގެ އަތްދަށަށް ވެއްޓިފައިވީ ނަމަވެސް، ހުސްވި ހަފުތާގައި ރަޝިޔާގެ ސިފައިން އެ ރަށުގެ ބައެއް ސަރަޙައްދުތަކުން ފަހަތަށް ޖައްސާފައިވާ ކަމުގައި ޔޫކްރެއިނުން ވަނީ ބުނެފައެވެ. ބަޚްމުތްގެ ހަނގުރާމައިގެ ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ. އެ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ވެސް ވަނީ، ބަޚްމުތްގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިން ފަހަތަށް ޖެހިފައިވާ ކަމުގައި ބުނެފައެވެ.

ނަމަވެސް، ރަޝިޔާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ ބަޚްމުތްގައި ޔޫކްރެއިން ސިފައިންނަށް އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ ކަމުގައެވެ. އަދި، ރަޝިޔާގެ އަސްކަރިއްޔާގެ ފައުޖުތަކުން ފަހަތަށް ޖެހިފައި ނުވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ބަޚްމުތްގެ ބައެއް ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުގެ ފައުޖުތަކުން ދީފައިވާ ޙަމަލާތައް ރަޝިޔާގެ ފައުޖުތަކުން ހުއްޓުވާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ބަޚްމުތްގެ އިތުރުން އެ ރަށާ އިންވެގެން އޮންނަ މަލިނީވްކާ ހިފަން ވެސް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ރަށް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ފައުޖުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކަކާއި، އާޓިލަކީ ބަޑީގެ ޙަމަލާތަކެއް ދީފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، ބަޚްމުތްގެ ހުޅަނގުގައި ޔޫކްރެއިން ސިފައިން ތިބި ސަރަޙައްދުތައް ހިފަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ރަޝިޔާ ސިފައިންގެ އަތްދަށުން އެ އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުން ދަނީ ތައްޔާރުވަމުންނެވެ. މި ކެމްޕޭން ފަށާފައިވާ ކަން ޔޫކްރެއިނުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޔޫކްރެއިނުގެ ކެމްޕޭން ފަށާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ރަޝިޔާގެ ބައެއް ލިޔުންތެރިންނާއި ބްލޮގަރުން ގަބޫލުކުރެއެވެ.