ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް، އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާއި ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި، އަދި ޚާއްޞަ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ދަރިވަރުންނަށް ވީޒާ ހޯދުމުގައި ދިމާވި ދަތިތަކަށްވެސް މިހާޜު ހައްލެއް ހޯދިފައިވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށާ، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދުވެސް ޚާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ނައިބުރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމުގައި ސަރުކާރުން މުހިންމު މަސައްކަތަކެއް ކުރައްވަމުންގެދަވާކަމަށެވެ. ޚާއްސަކޮށް ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، އެ ދާއިރާގެ ތަރައްޤީއަށް ކުރައްވަންޖެހޭ އެހެނިހެން ކަންތައްތަވެސް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓީޗަރުންނާއި ޑޮކްޓަރުންނަކީ، ޤައުމަށާއި މުޖުތަމަޢަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުންދެކޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝަށް ވަޑައިގެންނެވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.