ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދުނިޔެއާއި ގުޅިގެން މަސައްކަތް ކުރުމަށް ކުރެވުނު ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ތެރެއިން، މިއަދު އެތައް ޤައުމަކާއި ގުޅުން ބަދަހިވެ، އަމާޒު ހުރީ ރާއްޖޭގެ ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޕާސްޕޯޓަށް ހެދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއިއެކު މިދައުރަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދާއި އިހުތިރާމު ރާއްޖެއަށް ލިބިގެން ގޮސްފައިވާ ދައުރު ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރުގައި ބައިނަލްއަގުވާމީ ދުނިޔެއާއި ރާއްޖެއާއި އޮންނަ ގުޅުން އެތައް ގުނައަކަށް އިތުރުވެ ބައިނަލްއަގުވާމީ މަސްރަހުގައި ނަން ހިނގާ ޤައުމަކަށް ރާއްޖެ ވެގެން ގޮސްފައިވާކަމަށެވެ. ދޭދޭ ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިވެ އެގުޅުމުގެ ތެރެއިން ދިވެހިންނަށް އެޤައުމުތަކަށް ދަތުރުކުރުމަށް ލިބެމުންދާ ފަސޭހަތަކާއިއެކު ދިވެހި ޕާސްޕޯޓަކީ މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަށްވެ، ދުނިޔޭގެ ނިސްބަތުންވެސް ބާރުގަދަ ޕާސްޕޯޓަކަށް ވުމަށް މިސްރާބު ޖަހާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއަހަރު އާއްމުކޮށްފައިވާ ހެންލީ ޕާސްޕޯޓު އިންޑެކްސްގައިވާ ގޮތުން ދިވެހި ޕާސްޕޯޓް ހިފައިގެން 94 ޤައުމަކަށް ދުރާލާ ވީޒާ ނުނަގައި ދަތުރުކުރެވޭނެއެވެ. އެއާއެކު ޕާސްޕޯޓް ޕަވަރ ރޭންކް ނުވަތަ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓުގައި ރާއްޖެ އުޅެނީ މެދުއިރުމަތީގެ މުއްސަނދި ޤައުމެއްކަމަށްވާ އޮމްނާއެކު ލިސްޓުގެ 48 ވަނައިގައެވެ. މިިދިޔަ އަހަރު ރާއްޖެ އޮތީ 50 ވަނަގައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2 ދަރަޖައިގެ އިތުރުވުމެކެވެ.
ސަރުކާރުގެ އެކްޝަން ޕްލޭނާއި، ނެޝަނަލް ރިޒޮލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ދަށުން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހިންނަށް ވީހާވެސް ގިނަ ޤައުމުތަކަށް އިތުރު ވީޒާއަކާއި ނުލައި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް މިއުވާން ވިދާޅުވިއެވެ.
"އާންމުކޮށް ދަތުރުނުކުރެވޭ ޤައުމުތަކަށްވެސް ދަތުރުކުރުން އިތުރުވާނެ، ވީޒާ ފްރީވީމަވެސް. ހަމައެއާއިއެކު ދުނިޔޭގެ އެހެން ޤައުުތަކަށް ވިސާނެތި ދަތުރުކުރުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެން އެބަދޭ. ޕާސްޕޯޓުގެ ބާރު ގަދަވާވަރަކަށް އެހެނިހެން ޤައުމުތަކުންވެސް ވީޒާނެތި ދަތުރުކުރުމަށް މަގުފަހިކުރުމަށް އެއްބަސްވުމަށްވެސް ފަސޭހަ ވެގެންދާނެ." މިއުވާން ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން ގުޅުން ގާއިމް ކުރުމަށް ކުރެވިދިޔަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 94 ޤައުމަކާއިއެކު ރާއްޖެއިން ވަނީ ވީޒާގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މީގެ ތެރެއިން 13 ޤައުމެއް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދުރާލާ ވީޒާނެގުމަކާ ނުލައި ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. އަދި ބާކީ 13 ޤައުމަށް އީ-ވީޒާ އާއިއެކު ދަތުރު ކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މިއުވާން ވިދާޅުވީ މިދައުރުގެ ތެރޭގައި ދުރާލާ ވިސާ ނެގުމަކައި ނުލައި 11 ޤައުމަކަށް ދަތުރުކުރެވޭނެ މަގު މިސަރުކާރުން ފަހިކޮށް ދެއްވާފައިވާކަމަށެވެ.