ޚަބަރު

ކާރިޘާތަކުގެ ގެއްލުން ކުޑަކުރުމާގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި


ދިވެހިރާއްޖޭގެ ރަށްރަށުގައި ގުދުރަތީ ކާރިސާތަކަށް ދުރާލާ ކުރިމަތިލުމުގެ ޤާބިލްކަން އުފެއްދެވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ދަށުން ގުދުރަތީ ކާރިޘާތަކަށް ދުރާލާ ތައްޔާރުވުމުގެ ޤާބިލްކަން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

ރާއްޖޭގެ ރަށްތަކުގައި ގުދުރަތީ ކާރިޘާތަކަށް ދުރާލާ ކުރިމަތިލުމުގެ ގާބިލްކަން ޤައުމީ ފެންވަރުގަޔާއި ރަށުފެންވަރުގައި ބިނާކުރުމަށް ރޭވިފައިވާ މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ކާރިސާގެ ޙާލަތްތަކުގައި ޢަމަލު ކުރެވޭނެ ނިޡާމްތަކެއް ތަރައްގީ ކުރުމަށް ވަނީ ރޭވިފައެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމާއި، ކާރިސާއެއް ދިމާވެއްޖެ ނަމަ ބޭނުން ކުރާނެ ވަސީލަތްތައް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ވަސީލަތްތަކުގެ ތެރޭގައި އަރލީ ވަރނިންގ ސިސްޓަމާއި، އެފަދަ ހާލަތްތަކުގައި ބޭނުންކުރާނެ މުޢާޞަލާތީ ވަސީލަތްތައް ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ކާރިޡާއެއް ހިނގުމުގެ ކުރިން އެފަދަ ކަމަކަށް ތައްޔާރުވެފައިވާ ޤައުމަަކަށް ވާން ޖެހޭ ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު ޕްރޮޖެކްޓްގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު ގުދުރަތީ ކާރިޡާތަކުން ރައްކާތެރިވުމަށް މުހިއްމު މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ ރާއްޖެފަދަ ނާޒުކް ގައުމެއްގައި މިފަދަ ވަސީލަތްތައް ގާއިމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް ޔޫއެންޑީޕީގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގަވާ މި ޕްރޮޖެކްޓްގެ ހިންގުމަށް ޖުމްލަ ތިންސަތޭކަ އައްޑިހަހާސް އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރުން މަޢުލޫމާތުދެއްވައެވެ.