ޚަބަރު

ފުލުހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ: ސީޕީ


ދިވެހި ފުލުހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އިލްތިމާސްކުރެއްވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބ.އޭދަފުށީގައި ބޭއްވި ޚާއްސަ ޑިނަރ ނައިޓުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ ހަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުން އެކަނި ނޫންކަމަށާއި، މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތަކާއެކު އަމިއްލަ ނަސްފު އެބަދަލުތަކާއި އެއްވަރަށް ތަރައްޤީކޮށް މަސައްކަތްކުރަން ދަސްކުރަންޖެހޭކަމަށެވެ. އަދި ރައްޔިތުން އަބަދުވެސް އެޚިދުމަތަކަށް ބަރޯސާވެފައި އޮންނަ އެއް ޚިދުމަތަކީ ފުލުހުންގެ ޚިދުމަތަށް ވީހިނދު ރައްޔިތުން ބޭނުންވާ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

"އިޚްލާސްތެރި ހިތަކާއެކު ޚިދުމަތް ދިނުން މުހިންމު އަދި މަސައްކަތުގެ މާހައުލުގައި އަންނަ ބަދަލުތަކާއެކު ފުލުސް މީހާވެސް އެބަދަލުތަކާއެކު މަސައްކަތް ކުރަންޖެހޭ، ކޮންމެ މުވައްޒަފަކާވެސް ހަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް ރައްޔިތުން ބޭނުންވާ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑު ދިވެހި ފުލުހުންނަށް ކުރާ އިލްތިމާސެއް" ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބ.އަތޮޅަށް ފުލުހުގެ އިސްވެރިން ހިމެނޭހެން ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އޭދަފުށި އަދި މާޅޮހު ރައްޔިތުންގެ ގާތަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދެރަށުން 124 މީހަކާއި ބައްދަލުކޮށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމަށް ގިނަކަންތައްތަކެއް އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެކަންކަން ރަނގަޅު ކުރުމަށް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރަންޖެހޭކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

"
"ނަތީޖާ އަށް ބަލާއިރު 124 މީހަކާ ވަނީ ބައްދަލުކުރެވިފައި، ފުލުހުންގެ ޙިދުމަތް ރަގަޅު އަދި ބަލައިގަންކަމަށް ގިނަފަރާތްތަކުން ފާހަގަ ކުރި، ހަމަ އެހެންމެ ރަގަޅު ކުރަންޖެހޭ ކަންތައްތަކެއްވެސް ވަނީ ފާހަގަވެގެން ގޮސްފައި އެގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށާ، މުޖުތަމައުތެރެއަށް ތައާރަފް ވަމުންއަންނަ ކުއްތަކާ ގުޅޭ މައުލޫމާތާ އެކަމަށް ބައްޓަވާ ފަރުވާ މިހާރާށްވުރެބޮޑަށް އިތުރު ކުރަންޖެހޭ"
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އޭދަފުށްޓަށް ކުރެއްވި މިދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އެކި ޑިޕާޓްމަންޓް ތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.


މިރަސްމިއްޔާތުގައި ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ ފަރާތުން ހަވާ އެރުމުގެ ހަރަކާތެއް އޭދަފުށީގައި ވަނީ ކުރިއަށްގެންގޮސްފައެވެ.