ޚަބަރު

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަޔާން ބަލިވެއްޖެ


އަމިއްލަ ދަނޑުގައި މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަޔާން މިޔުނިކް ބަލިވެއްޖެއެވެ. 

ޖަރުމަން ބުންޑަސްލީގާގައި ރޭ ބަޔާން މިޔުނިކް ބަލިވީ ލީގް ތާވަލްގެ ފަސްވަނާގައި އޮތް މެއިންޒް އަތުންނެވެ. މި މެޗުން ބަޔާން މިޔުނިކް ބަލިވީ ދޭއް އެކަކުންނެވެ. 

މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް މެއިންޒުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޚާރިއޯއެވެ. ފުރަތަމަ ހާފް މި ނަތީޖާގައި އޮވެ ނިމުނު ނަމަވެސް ޗެމްޕިއަން ބަޔާން މިޔުނިކުންވަނީ މެޗުގެ 64 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އާޔެން ރޮބެންއެވެ. މެޗު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް ބަޔާން މިޔުނިކް ސިއްސުވާލައި މެޗުގައި ދެވަނަ ފަހަރަށް މެއިންޒުން ލީޑް ނެގިއެވެ. މި ލަނޑު ޖަހައިދިނީ ޚޯން ކޮރްދޯބާއެވެ. 

ރޭގެ މެޗުން އަމިއްލަ ދަނޑުގައި ބަލިވި ބަޔާން މިޔުނިކުންވަނީ މި މެޗްގެ ކުރިން މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ސަތާރަ މެޗުން މޮޅުވެފައެވެ. 

މި މެޗުން ބަޔާން ބަލިވުމުގެ ފައިދާ ނަގައި ބޮރޫޝިއާ ޑޯޓްމުންޑްވަނީ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށް އެއްވަނާގައިވާ ބަޔާނާއި ދެމެދުގައިވާ ފަރަޤު 5 ޕޮއިންޓަށް ކުޑަކޮށްފައެވެ. ޑާމްސްޓެޑާއި ދެކޮޅަށް ޑޯޓްމުންޑް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މި މެޗުގައި ޑޯޓްމުންޑްގެ ލަނޑުތައް ޖަހައިދިނީ އެދްރިއަން ރާމޯސް އަދި އެރިކް ޑާމެވެ.