ޚަބަރު

ބެނާތައް ނެގި ވަކިވަކި ފުލުހުންގެ މައުލޫމާތު ހާމަކުރަން އެންގީ ޤާނޫނާއި ޚިލާފަށް: ހައި ކޯޓު


މާލޭގެ ބައެއް ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ޤާނޫނާއި ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.

ފުލުހުން ވަނީ މާލޭގެ އެކި ގޭގޭގައި ދަމާފައިވާ އިންޑިއާ އައުޓް ލިޔެފައިވާ ބެނާތައް މިދިޔަ އަހަރު ނަގާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ހ.ދޫވެހީގައި ދަމާފައިހުރި 50 އަކަށް ފޫޓްގެ ބެނާވެސް ފުލުހުން ވަނީ ނަގާފައެވެ. ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި، ބޮޑީކެމްގެ ފުޓޭޖް ހޯދުމަށް އިންފޮމޭޝަން ކޮމިޝަންގައި އޮންލައިން ނޫހަކުން އެދުނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވީ މިމައުލޫމާތު ހޯދަން އެދުނު ފަރާތަށް ފުލުހުން އެމައުލޫމާތު ފޯރުކޮށް ދެއްވުމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން އެދުނު ކަންކަމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.

މިމައްސަލާގައި ހައި ކޯޓުން މިއަދު ކުރެއްވި ހުކުމުގައި ވަނީ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރަށް އެންގެވޭނީ ޢާންމު މަސްލަހަތުތަކުގައި ކަމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައި ބުނާއިރު ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ޒާތީ މަޢުލޫމާތެއް ކަމަށެވެ. ފުލުހުން ހަރަކާތްތެރިވާ އެކި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި، އޮފިސަރުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އެކަމުން އެބޭފުޅުންގެ ފުރާނައަށްވެސް ނުރައްކާވާނެ، އަދި އާންމު މަސްލަހަތު ގެއްލިދާނެ ކަންތައްތަކެއްކަމަށް ހުކުމުގައިވަނީ ބަޔާން ކުރައްވާފައެވެ.

ކޯޓުގެ ހުކުމުގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގަކީ މުހިންމު ހައްގެއްކަމަށެވެ. ނަމަވެސް ޤާނޫނުގައިވެސް މައުލޫމާތު ހޯދާ ލިބިގަތުމުގައި ބައެއް ކަހަލަ އިސްތިސްނާތަކެއް ކަނޑައަޅުއްވާފައިވާކަމަށެވެ. މިކަންކަމަށް ރިޢާޔަތް ކުރައްވައި މައުލޫމާތު ހާމަކުރުމުގައި އެއްވެސް ފަރާތެއްގެ މަސްލަހަތު ނުގެއްލޭގޮތަށް އެކަން ކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ދީބަނާޒު ފަހުމީއެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ ބެނާތައް ނަގަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން އެންގެވި އެންގެވުމަކީ ޤާނޫނާއި ޚިލާފް އެންގެވުމެއްކަމުން، އެއެންގެވުން ބާތިލް ކުރެއްވުމަށެވެ.

އިންޑިއާ އައުޓް ލިޔެފައިވާ ބެނާތައް ކޯޓު ޢަމުރެއްގެ ދަށުން ފުލުހުން ނަގާފައި މިވަނީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަންގާފައި ވަނިކޮށެވެ.