ޚަބަރު

ފެމިލީ ކޯޓުން މައްސަލަތައް ނިންމަވަން ހޭދަވާ މުއްދަތު އަވަސްވެއްޖެ


ފެމިލީ ކޯޓުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މައްސަލަތައް ނިންމަން ހޭދަވި މުއްދަތު އަވަސްވެފައިވާކަމަށް އެކޯޓުން ވިދާޅުވެއްޖެއެވެ.

ފެމިލީ ކޯޓުން ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު މައްސަލައެއް ނިންމުމަށް އެވަރެޖުކޮށް 34 ދުވަސް ހޭދަވިކަމަށެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމުމަށް އެވަރެޖުކޮށް ހޭދަވެފައި ވަނީ 20 ދުވަސްކަމަށް އެ ކޯޓުން ވިދާޅުވިއެވެ.

ފެމިލީ ކޯޓުން ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހާއި އަޅާބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ. އެކޯޓުން ވިދާޅުވީ މިއަހަރުގެ ތިން މަސްދުވަހު އެންމެ އަވަހަށް ނިންމީ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ މައްސަލަތައްކަމަށެވެ. އެފަދަ މައްސަލަތަކަށް އެވްރެޖުކޮށް 6 ދުވަސް ހޭދަވިކަމަށާއި، ގެވެށި އަނިޔާގެ މައްސަލަތައް ނިންމުމަށް އެވްރެޖުކޮށް 8 ދުވަސް ހޭދަވިކަމަށެވެ.

ފެމިލީ ކޯޓުން ވިދާޅުވިގޮތުގައި އެންމެ ގިނަ ދުވަސް ހޭދަވަނީ ވަރިވުމަށް އެދި ހުށައަޅާ މައްސަލަތަކުގައިކަމަށެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ދެފަރާތް ސުލްހަ ކުރުމަށް ކުރާ މަސައްކަތާއެކު މައްސަލަ ނިންމުމަށް އެވްރެޖުކޮށް 27 ދުވަސް ހޭދަވާކަަމށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ އަހަރު އެކޯޓުން 2514 ކައިވެންޏެއް ކޮށްދީފައިވެއެވެ. އަދި 1346 ވަރިކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ގެވެށިއަނިޔާގެ 66 މައްސަލަ މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށައަޅާފައިވާިރު ކުޑަކުދިންގެ ހައްގުތަކާއި ބެހޭ 56 މައްސަލަ ހުށައަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ ތެރެއިން 2 މައްސަލަ ފިޔަވާ ހުރިހާ މައްސަލަ ވަނީ ބަލާ ނިންމަވާފައެވެ.