ޚަބަރު

އަމިއްލައަށް މަރުވާ މައްސަލަތައް ރިޕޯޓްކުރުމާއި ދުރުހެލިވުމަށް އިލްތިމާސްކޮށްފި


އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތަކާއި މަރުވާން މަސައްކަތް ކުރާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓްކުރުމާއި ދުރުހެލިވާން، މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ކުޑަކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނާ މައްސަލައެއް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރުމާއި ގުޅިގެންނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީން ކުރި ޓުވީޓެއްގައި ބުނީ ކުޑަކުދިން އަމިއްލައަށް މަރުވާ ޚަބަރުތައް މީޑިއާގައި ރިޕޯޓްކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް ރިޕޯޓްކުރުމުން އެފަދަ މައްސަލަަތައް އިތުރުވާކަމަށް އެތައް ދިރާސާއަކުން ދައްކާފައިވާކަމަށެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ބާރުއަޅާކަން ފާހަގަކުރިއެވެ.

އެމްއެމްސީން ވަނީ އަމިއްލައަށް މަރުވުމާއި ޖިނާއީ ކުށްތަކާބެހޭ މައުލޫމާތު ޝާއިޢުކުރާއިރު، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް މައުލޫމާތު ޝާއިޢު ކުރުމުން ދުރުހެލިވާން ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސްގައިވެސް އޮންނަކަން ފާހަގަކޮށްފައެވެ. އެހެންކަމުން ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ޚަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.