ފްރެންޗް ލީގުގައި ޓްރޮއިޒް ބަލިކޮށް ލީގު ދިފާއުކުރުމާ ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ.
ޕީއެސްޖީއަށް ކުޅެމުންދާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ސަސްޕެންޑް ކުރިފަހުން އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.
ޓްރޮއިޒްގެ ދަނޑުގައި ކުޅުނު މިމެޗް ޕީއެސްޖީން ފެށީ ވަރަށް ފޯރިއާއެކުއެވެ. އެގޮތުން މެޗްގެ 8 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ޖަހާދިން ލަނޑާއެކު ޕީއެސްޖީން ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗްގެ 59 ވަނަ މިނެޓްގައި ޕީއެސްޖީން ވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިޓީނިއާއެވެ. މިމެޗްގައި ޓްރޮއިޒްގެ ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ޒޭވިއަރ ޝަވަލެރިންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ފަބިއަން ރުއިޒް ޖަހާދިން ލަނޑާއެކު ޕީއެސްޖީން ވަނީ އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނަގާފައެވެ.
މިކާމިޔާބީއާއެކު މިފަހަރުގެ ލީގް އާން ކާމިޔާބު ކުރުމަށް ޕީއެސްޖީއަށް ބޭނުންވަނީ ބާކީ އޮތް ހަތަރު މެޗުން ހަތް ޕޮއިންޓެވެ. އަދި މިއާއެކު 11 ވަނަ ފަހަރަށް ލީގް އާން ކާމިޔާބުކޮށްގެން އާ ރިކޯޑެއް ހެދުމުގެ ފުރުސަތު ޕީއެސްޖީއަށް އެބައޮތެވެ. ޕީއެސްޖީއަށް މިހާރު 34 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި ދެވަނައިގާ އުޅޭ ލޯންސް އަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ޓްރޮއިޒް އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.