ކުޅިވަރު

ރޭގެ މެޗަކީ މިހާތަނަށް ލިވަޕޫލް ކުޅުނު އެންމެ ތަފާތު އެއް މެޗު


ރޭ ތިން ލަނޑު ސުންލަނޑުން މެންޗެސްޓަރ ސިޓީ ބަލިކުރި މެޗަކީ، މިހާތަނަށް ލިވަޕޫލް ކުޅުނު އެންމެ ތަފާތު އެއް މެޗު ކަމަށް އެޓީމްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ތިންލަނޑު ސުންލަނޑުން މެންޗެސްޓަރ ސިޓީ ބަލިކުރި މެޗަށްފަހު ކްލޮޕް ބުނީ، ޓީމްގެ ފަރާތުން އޭނާ ފެންނަން ބޭނުންވި ކުޅުން ރޭ ފެނުނު ކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް ފެނުނީ އާދަޔާ ޚިލާފަށް މަސައްކަތްކުރަނިކޮށް ކަމަށެވެ. އަދި މިއީ ލީގު ކަޕްގެ ފައިނަލްގައި ވީ ބައްޔަށްފަހު ޓީމަށް އޭގެ އަސަރު ނުކުރާކަން ދައްކުވައިދިން މެޗެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.

" ކޮންމެ ވަގުތަކުވެސް މުޅި ޓީމް އެކީގައި ޕްރެސްކުރި. ވަރުބަލިވެފަ ތިބިތަނެއް ނުފެނޭ. މިއީ ވަރަށް ހިތްހަމަ ޖެހުނު މެޗެއް. އަހަރެން ފަޚުރުވެރިވަން ކުޅުންތެރިން ކުރި މަސައްކަތަށް" ކްލޮޕް ބުންޏެވެ.

ރޭގެ މެޗްގައި ލިވަޕޫލްގެ ތިންލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ފުރަތަމަ ހާފްގަ ކާމިޔާބުކޮށްދިނީ، ލަލާނާ އަދި މިލްނާއެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ރޮބާޓޯ ފާމީނިއޯއެވެ. ރޭ، ވީ ބައްޔާއެކު ލީގު ހޯދުމަށް ސިޓީ ކުރަމުންދާ މަސައްކަތައް ވަނީ ހުރަސްއެޅިފައެވެ.