10 އަހަރު ދުވަހަށް ފަހު ޢަރަބި ލީގާ އަލުން ގުޅުމުގެ ފުރުޞަތު ސޫރިޔާއަށް ދިނުމަށް އެ އިއްތިހާދުން ފާސްކޮށްފިއެވެ. ސޫރިޔާ އެ އިއްތިހާދާ އަލުން ގުޅުމުގެ ފުރުޞަތު ދޭން ފާސްކޮށްފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައެވެ.
ސޫރިޔާއަށް މެންބަރު ކަން ދޭން ފާސްކޮށްފައި މި ވަނީ، މޭ މަހުގެ 19 ވަނަ ދުވަހު ޢަރަބި ލީގުގެ ސަމިޓެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ސަމިޓު ބާއްވާނީ ސަޢޫދީ ޢަރަބިއްޔާގައެވެ. މިއީ، ސޫރިޔާއާ ގުޅުން ކަނޑައިލާފައިވާ ޢަރަބި ލީގުގެ ގިނަ ޤައުމުތަކަކުން އެ ޤައުމާ އެކު އަލުން ގުޅުން ގާއިމުކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ.
ޢަރަބި ލީގުން ސޫރިޔާ އެކަހެރިކޮށް، އެ ޤައުމާ އެކު އޮތް ގުޅުންތައް އެ އިއްތިހާދުގެ ޤައުމުތަކުން ކަނޑައިލާފައި ވަނީ 2011 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމަ ފެށުނީ، ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ޢާންމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބޭރުގެ ބޭނުންކޮށް، ޙަމަލާދޭން ފެށުމާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު ބައި މިލިޔަނަށް އަރައެވެ. އަދި، 23 މިލިޔަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ރެފިޔުޖީންނަށްވިއެވެ.
ޢަރަބި ލީގުގެ މެންބަރު ކަން ސޫރިޔާއަށް އަލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ އިއްތިހާދުގައި ހިމެނޭ ސަޢޫދީ ޢަރަބިއްޔާއާއި، މިޞްރާއި، އިރާޤާއި، އުރުދުންގެ ޚާރިޖީ ވަޒީރުން ހުސްވި ހަފުތާގައި ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ އުރުދުނުންނެވެ.
ތުރުކީވިލާތާއި ސޫރިޔާއަށް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު މަރުވެ، އެތަކެއް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހުމާ ގުޅިގެން ޢަރަބި ލީގުގެ މެންބަރު ޤައުމުތަކުން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި، މެދުކަނޑައިލާފައިވާ އޮތް ގުޅުންތައް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފައެވެ. މެދުއިރުމަތީގެ ދެ ބާރުގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު މާރިޗު މަހުގެ 10 ވަނަ ދުވަހު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ އެކު ވެސް، ސޫރިޔާއާ ޢަރަބި ލީގާ ދެމެދު އޮތް ގުޅުންތަކަށް ރަނގަޅު އަސަރުތަކެއް ކުރި ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ސޫރިޔާއާ ގުޅުން ބަދަހިކުރުމަށް އެންމެ ފާޅުކަން ބޮޑުކޮށް ދެކޮޅު ހަދަމުން ގޮސްފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. ނަމަވެސް، އެ ޤައުމުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް-ސަޢުދު ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ވަނީ ދިމިޝްޤަށް ވަޑައިގަންނަވައި، އަސަދާ ބައްދަލުކުރައްވާފައެވެ. ދެ ޤައުމުގެ އެމްބަސީތައް ހުޅުވައި، ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ވެސް ދެ ބޭފުޅުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.
ހުސްވި ހަފުތާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ ދިމިޝްޤުގައި އަސަދާ ބައްދަލުކުރައްވާފައެވެ. އަދި، ވިޔަފާރިއާއި ތެލުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައެވެ. ޢަރަބި ލީގާ އަލުން ގުޅުމުގެ ފުރުޞަތު ސޫރިޔާއަށް ދޭން ފާސްކުރި ނަމަވެސް، ކުރިއަށް އޮތް އެ އިއްތިހާދުގެ ސަމިޓުގައި ބައިވެރިވުމުގެ ދަޢުވަތު ސޫރިޔާއަށް ދިނުމަށް ބައެއް ޤައުމުތަކުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އެ ޤައުމުތަކުގެ ތެރޭގައި އުރުދުނާއި، ކުވެއިތާއި، ޤަޠަރު ހިމެނެއެވެ.
ޢަރަބި ލީގާ ސޫރިޔާ އަލުން ގުޅުމުގެ ފުރުޞަތު ދީފައިވީ ނަމަވެސް، އެމެރިކާއިން ވަނީ ސޫރިޔާގެ ސަރުކާރު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، ސޫރިޔާއާ ގުޅުން ބަދަހިކުރުމުގެ ބަދަލުގައި، އަސަދުގެ ސަރުކާރުގެ އަމަލުތައް ބަދަލުކުރަން ބާރު އެޅުމަށް ވެސް އެމެރިކާއިން ވަނީ ޢަރަބި ލީގުގެ މެންބަރު ޤައުމުތަކަށް ގޮވައިލާފައެވެ.