ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުތަކުގެ މި ވަގުތަށް އޮތް އެންމެ ބޮޑު އަމާޒަކީ އެ ޤައުމުގެ އިރުމަތީގައިވާ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމެވެ. އެއީ، އިރުމަތީ ދޮންބާސް ސަރަޙައްދުގެ ރަށެކެވެ. އެ ރަށް ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ 10 ވަރަކަށް މަސް ކުރިންނެވެ. ނަމަވެސް، އެ މަސައްކަތް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އެ ރަށް ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ. އެ ރަށުގެ ބޮޑު ބައެއް ވެގްނަރ ގުރޫޕުގެ އަތްދަށުގައި އޮތް ކަމަށް އެ ގުރޫޕުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އިޢުލާނުކޮށްފައެވެ. ނަމަވެސް، އެ ރަށް ހިފުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ފަހު، އެ ރަށް ދޫކޮށް ފައިބާނެ ކަމުގެ އިންޒާރު އެ ގުރޫޕުން މި ވަނީ ދީފައެވެ. މިއީ، ރަޝިޔާއަށް ލިބޭނެ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
ވެގްނަރ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ބުނީ، މޭ މަހުގެ 10 ވަނަ ދުވަހު އޭނާގެ ފައުޖުތަކުން ބަޚްމުތް ދޫކޮށް ފައިބާނެ ކަމުގައެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ، ހަނގުރާމަ ކުރިއަށްގެންދަން ބޭނުންވާ މިންވަރަކަށް ރަޝިޔާގެ އަސްކަރިއްޔާއިން އެ މީހުންނަށް ހަތިޔާރާއި ވަޒަނުގެ އިތުރުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައި ނެތުމެވެ. އަދި، އެރަށް ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި އެ ގުރޫޕުގެ ގިނަ ޢަދަދެއްގެ ކުލީ ސިފައިން މަރުވެ، އަދި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ވެސް ޕްރިގޮޜިން ބުންޏެވެ.
ވެގްނަރ ގްރޫޕުގެ ސިފައިން އެ ސަރަޙައްދު ދޫކޮށް ފޭބުމުގެ ކުރިން، އެ މީހުންގެ ބަދަލުގައި އެ ރަށަށް ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިން ފޮނުވުމަށް ވެސް އޭނާ ވަނީ ގޮވައިލާފައެވެ. ނަމަވެސް، ރަޝިޔާގެ ސަރުކާރުން މި ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ބަޚްމުތް ހިފުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި، ހަނގުރާމައިގެ ކުރީ ސަފުގައި އެ ޤައުމުގެ އަސްކަރިއްޔާގެ ޕެރެޓްރުޕަރސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ބަޚްމުތަކީ 70,000 އެއްހާ މީހުންގެ އާބާދީއެއް އޮތް، ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ ރަށެކެވެ. އެ ރަށް ހިފުމަކީ ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ މުހިންމު ލަނޑުދަނޑިއެކެވެ. އަދި، އެ ރަށް ދިފާޢު ކުރުމަކީ ހަނގުރާމައިގައި ކާމިޔާބީ ހޯދުމަށް މުހިންމު ކަމެއްގެ ގޮތުގައި ޔޫކްރެއިނުން ވެސް ދެކެއެވެ.
އެ ރަށް ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ސިފައިންގެ ބާރުގެ ދަށުގައި މި ވަގުތު އޮތީ އެންމެ 2.5 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ކަމަށް ވެގްނަރ ގުރޫޕުން ބުނެއެވެ. އެއީ، 45 އަކަލިކޯމީޓަރުގެ ބޮޑު ރަށެކެވެ. އެ ރަށުން ފައިބާނެ ކަމަށް ޕްރިގޮޜިން އިޢުލާނުކޮށްފައި ވަނީ، ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންގެ ތެރެއިން މަރުވެފައިވާ ގިނަ ބައެއްގެ ހަށިތައް ކައިރީގައި ހުރެ ޢާންމުކުރި ވީޑިޔޯއެއްގައެވެ.
އެ ވީޑިޔޯގައި އޭނާ ވަނީ ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫއާއި އަސްކަރިއްޔާގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި، އެ މީހުންނަށް އަމާޒުކޮށް އަވަގުރާނަ ވެސް ގޮވާފައިވެއެވެ. އަދި، ވެގްނަރ ގުރޫޕުގެ އެތަކެއް ހާސް ކުލީ ސިފައިން މަރުގެ ޒިންމާ ޝޮއިގޫއާއި ރަޝިޔާގެ އަސްކަރިއްޔާގެ އިސްވެރިން އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޝޮއިގޫއަށް މި މޭރުމުން މުޚާތަބުކޮށް ލިޔެފައިވާ ސިޓީއެއް ވެސް ފޮނުވާފައެވެ.
ޕްރިގޮޜިންގެ އިޢުލާނަކީ، ބަޚްމުތްގައި އޭނާގެ ކުލީ ސިފައިންގެ ފައުޖުތަކަށް ލިބެމުންދާ ނާކާމިޔާބީތަކުގެ ޒިންމާ ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާގެ ކޮނޑުގައި އެޅުވުމުގެ ނިޔަތުގައި ކޮށްފައިވާ އިޢުލާނެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ބަޚްމުތުން ފައިބާނެ ކަމަށް ބުނެ ޕްރިގޮޜިން އިންޒާރުދީފައި މި ވަނީ، ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.