ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް އޭއެފްސީ ޗެމްޕިއަންސް ލީގު ޖަޕާނުގެ އުރާވާ ރެޑްސްއިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ތަށި އުރާވާ ރެޑްސްއިން ކާމިޔާބުކުރީ ރޭ ކުޅުނު ދެ ވަނަ ލެގުގައި އަލް ހިލާލްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޑޮމިނޭޓުކޮށްގެން ކުޅުނީ އަލް ހިލާލް އިންނެވެ. އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފައެވެ. އަލް ހިލާލްގެ އޮޑިއަން އިގަލޯ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ސަލާމަތް ކުރީ އުރާވާގެ ޑިފެންޑަރު އެލެގްޒެންޑާ ޝޮލްޒް އެވެ. މީގެ އިތުރުން އަލް ހިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ މައިކަލް އާއި ކެރިލޯ ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ މަތަކުރީ އުރާވާގެ ގޯލް ކީޕަރު ޝުސާކު ނިޝިކާވާ އެވެ. މެޗުގެ ހަމައެކަނި ލަނޑަކީ އަލް ހިލާލްގެ އަންދްރޭ ކެރިލޯ އަތުން 48 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑެވެ.
މިއީ މި ތަށި ޖަޕާނުގެ އުރާވާރެޑްސް އިން ކާމިޔާބުކުރި ތިންވަނަ ފަހަރުއެވެ. މީގެ ކުރިން އުރާވާ އިން ވަނީ 2007 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް އޭޝިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.