ބަންގްލަދޭޝްގެ ރެފިޔުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީން އެނބުރި ޤައުމަށް ދާން ދެކޮޅު ހަދައިފިއެވެ. ބަންގްލަދޭޝްގައި ހުންނަ ރެފިޔުޖީ ކޭމްޕުތަކުގައި ރޮހިންޔާ ދަރިކޮޅުގެ މިލިޔަނެއްހާ މުސްލިމުން ދިރިއުޅެއެވެ. އެ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައި ވަނީ މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާއިން އެ މީހުންނަށް ކުރިމަތިކުރަމުންދިޔަ ފުރައްސާރައާއި ޖައްސަމުންދިޔަ ނިކަމެތި ހާލަތުން ސަލާމަތްވުމަށެވެ. އެ މީހުންނާ ދެކޮޅަށް ހިންގަމުންދިޔަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުން ރައްކާތެރި ކަން ހޯދުމަށެވެ.
ރޮހިންޔާ ދަރިކޮޅު މުސްލިމުން ބަންގްލަދޭޝަށް ހިޖުރަކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެ މީހުންނާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރާއި އަސްކަރިއްޔާއިން ގަތުލުޢާންމެން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އ.ދއިން ދަނީ އެ ކަން ތަހުޤީޤު ކުރަމުންނެވެ. އަދި، ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީން އެނބުރި ޤައުމަށް ގެންދިޔުމަކީ އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމުގައި ވެސް އ.ދއިން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުން އަނބުރާ ޤައުމަށް ގެންދިޔުމާ ގުޅޭ ގޮތުން އެ ޤައުމާއި މިޔަންމާ ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. މި އެއްބަސްވުމުގެ ދަށުން މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ޚާއްޞަކޮށްގެން އެ ޤައުމުގައި އަވަށްތަކާއި ކޭމްޕުތައް ތަރައްޤީކޮށްފައެވެ.
ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭހެން ރޮހިންޔާ ދަރިކޮޅުގެ މީހުން ތަމްސީލުކުރާ ވަފުދެއް ވަނީ މިޔަންމާއަށް ޒިޔާރަތްކޮށް އެ ކޭމްޕުތަކުގެ ހާލަތު ބަލައިލާފައެވެ. މި ދަތުރުގައި ރޮހިންޔާ ދަރިކޮޅުގެ 20 މީހުން ބައިވެރިވިއެވެ. އެ މީހުން ބުނީ، މިޔަންމާގައި ތަރައްޤީކޮށްފައިވާ އަވަށްތަކާއި ކޭމްޕުތަކަކީ އެ މީހުން ދިރިއުޅުމަށް އެންމެ އެކަށީގެންވާ ތަނެއް ކަމުގައި ނުދެކޭ ކަމުގައެވެ.
"އަޅުގަނޑުމެން އެ ތަނަށް ގޮސް އަވަށްތަކާއި ކޭމްޕުތައް ބަލައިފިން. އެ ތަނުގެ ހާލަތު އެހާ ރަނގަޅެއް ނޫން. އަދި، އަޅުގަނޑުމެންނަށް މިޔަންމާގެ ރައްޔިތުކަން ދިނުމަށް ސަރުކާރުން އަދިވެސް ދަނީ ދެކޮޅު ހަދަމުން. އަޅުގަނޑުމެންގެ އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުން. ނަމަވެސް، ރައްޔިތުކަން ދިނުމަށް އެއްބަސްނުވަނީސް މިޔަންމާއަށް ބަދަލުވުމުގެ ވިސްނުމެއް ނެތް،" ވަފުދުގެ ބައިވެރިއެއް ބުންޏެވެ.
އެ ވަފުދުގައި ހިމެނޭ އަންހެނެއް ބުނީ، އެ ކޭމްޕުތަކަކީ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށްދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެއް ނޫން ކަމުގައެވެ. އެ ތަނުގައި މާރުކޭޓަކާއި، ހޮސްޕިޓަލަކާއި، ރިސެޕްޝަނެއް ހުރި ނަމަވެސް، އެއީ ރައްކާތެރި ތަނެއް ނޫން ކަމަށާއި، އެ ތަނުގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިތުރު ދަތިތަކާއި އަނިޔާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވޭ ކަމުގައި އެ އަންހެން މީހާ ބުންޏެވެ.
ކަން މިހެން އޮތް ނަމަވެސް، ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީން އަނބުރާ މިޔަންމާއަށް ފޮނުވަން ބަންގްލަދޭޝްގެ ސަރުކާރުން ބޭނުންވާ ކަމުގައި އެ ޤައުމުގެ ރެފިޔުޖީންނާ ބެހޭ ސަފީރު މިޒާނޫރް ރަޙްމާން ވިދާޅުވިއެވެ. މި ކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށް މިޔަންމާ ސަރުކާރުގެ ވަފުދެއް ބަންގްލަދޭޝަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުން އަނބުރާ މިޔަންމާއަށް ބަދަލުކުރުމުގެ މަސައްކަތް މި ހިނގާ މޭ މަހުގެ ފަހުކޮޅު ފެށުމަށް ބަންގްލަދޭޝާއި މިޔަންމާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. "ބާރުގެ ބޭނުންކޮށްގެން ރެފިޔުޖީންގެ ނުރުހުމުގައި އެ މީހުން އަނބުރާ މިޔަންމާއަށް ގެންގޮސްގެން ނުވާނެ. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރަން ޖެހޭނެ،" މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އ.ދގެ ރެފިޔުޖީންނާ ބެހޭ އިދާރާގެ ތަރުޖަމާނު ރެޖީނާ ޑެ ލަ ޕޯޓިޔާ ވިދާޅުވިއެވެ.
މިޔަންމާގެ ރެފިޔުޖީން ބަންގްލަދޭޝަށް ހިޖުރަކުރި އިރު މިޔަންމާގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމުގައި ހުރީ މިން އޮންގް ހްލައިންގެވެ. އޭނާގެ އެންގުމަށް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ގަތުލުޢާންމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުޤީޤު ކުރުމުގެ މަސައްކަތް އ.ދއިން ކުރިއަށްގެންދާއިރު، މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތެރޭގައި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމާއި، އެ މީހުން ގަތުލުކުރުމާއި، އެ މީހުންގެ ގެދޮރާއި މުދަލުގައި ހުޅުޖެހުން ފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ.