ޚަބަރު

އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 1،000 މީހުން އިތުރު 4،600 މީހުން ހޯދަނީ


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިތާނަނަށް 1،000 މީހުންގެ ފޯމު ލިބިފައިވާ ކަމަށާއި، ނަމަވެސް އިތުރަށް އަދި 4،600 އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުންނަށް ފޯމު ހުށަހެޅުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 5،600 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޮފިޝަލްކަމަށް ކުރިމަތިލެވޭނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 22 ވަނަ ދުވަހެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިހާތަނަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ފޯމުތައް ބަލައި އޮފިޝަލުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. ފޯމު ހުށަހެޅުމުގައި ގިނަ ބޭފުޅުން އެބޭފުޅެއްގެ އަތުގައި ހުރި ހުރިހާ ސެޓްފިކެޓްތައް ހުށަހަޅުއްވާކަން ފާހަގަކުރެވޭކަމަށެވެ. ނަމަވެސް މިއީ އެންމެ ދުވަހަކަށް ނުވަތަ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެ ދުވަސް ނޫނީ އެންމެ ގިނަ ވެގެން 4 ވަރަކަށް ދުވަހުގެ މަސައްކަތެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާހަކައަކީ އެހުރިހާ އެއްޗެއްގެ ކޮޕީ ބޭނުމެއްވެސް ނުވާނެ. އެމީހެއްގެ އެންމެ ފަހުގެ ސެޓްފިކެޓެއް ނޫނީއްޔާ ޑިގްރީއެއްގެ ކޮޕީއެއް އޮތިއްޔާ އެވަރުން ވާނެ. މިއީ އެންމެ ދުވަހެއް ނޫނީ ދެ ރައުންޑް ބާއްވާނާމަ ދެ ދުވަހެއްގެ މަސައްކަތް. އެހެންވީމާ އެހާ ޑީޓެއިލްކޮށް އެމީހެއްގެ ކޮލިފިކޭޝަނާއި އެކްސްޕީރިއަންސާއި އެއްޗެތިތަކަށް ދާން ބޭނުން ނުވޭ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ސެޓްފިކެޓެއް ނެތްނަމަ އެމީހެއްގެ ސީވީއެއް ހުށަހެޅުމުންވެސް ސީވީއަށް ބެލުމަށްފަހު އެފުރުސަތު އެމީހަކަށް ދެއްވާނެކަމަށެވެ. އަދި ސިޔާސީ ގޮތުން ކޮންމެ ވިސްނުމެއްގެ މީހަކަށްވެސް އޮފިޝަލަކަށް ވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް އެފުރުސަތު ކޮމިޝަނުން ނުދެއްވާނެކަމަށެވެ. އަދި ކުރިމަތިލާ މީހުންގެ ތެރެއިން އެކި ޕާޓީތަކަށް ނިސްބަތްވާ މީހުން ފޮށިތަކަށް ބެހުމުގައި ހަމަހަމަ އުސޫލަކުން ނޫންގޮތަކަށް އެޖާގަ ނުދެއްވާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

"އެއްވެސް ވޯޓު ފޮއްޓެއްގައި އެއް ޕާޓީއެއްގެ 8 ބޭފުޅުން ނުތިއްބަވާނެ. އަދި އެއް ޕާޓީއެއްގެ އިތުރުން އެޕާޓީއާއި ގާތް ގުޅުމެއް އޮންނަ ޕާޓީތަކަށް، މިސާލަކަށް ޕީޕީއެމް، ޕީއެންސީ ނޫނީ އެމްއެމްޑީޕީއާއި، އެމްޑީއޭ އެކަނި ވޯޓު ފޮއްޓެއް ކައިރީ ނުތިބެވޭނެ. ވަރަށް ބެލެންސް ކޮށްފައި ވޯޓު ފޮށިތައް ކައިރިއަށް މީހުން ލާނީ." ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދޭން ކަނޑައަޅާފައިވާ އުޖޫރަ:

* ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1500ރ (ފަނަރަސަތޭކަ ރުފިޔާ)
* ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ (ބާރަސަތޭކަ ރުފިޔާ)
* ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ (އެއްހާސް ރުފިޔާ)
* ރިސާރވް އޮފިޝަލަކަށް 500ރ (ފަސްސަތޭކަ ރުފިޔާ)

މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލައްވާފައެވެ.