ޚަބަރު

ގޭގެ ފުރާޅުގައި ސްޓެލްކޯގެ ސޯލާ ޕެނަލް ހަރުކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު


"އަވިކަތަ" ޕްރޮގްރާމްގެދަށުން ސޯލާ ޕެނަލް ސިސްޓަމް ޖެހުމަށް، ސްޓެލްކޯއިން ގޭގޭގެ ފުރާޅު ކުއްޔައް ހިފަން ހުޅުވާލައިފިއެވެ.

ތެލަށް ބަރޯސާވުން ކުޑަކޮށް، ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަކީ ތިމާވެށީގެ ގޮތުން ސަރުކާރުން ފަށާފައިވާ ވަަރަށް މުހިންމު މަސައްކަތެކެވެ. މިޢަމާޒަށް ވާސިލުވުމަށް، ހަކަތައިގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ސްޓެލްކޯގެ "އަވިކަތަ" ޕްރޮގްރާމަކީ، އާއްމުންގެ ބައިވެރިވުމާއެކު އެ ކުންފުނިން ފެށުމަށް ނިންމާފައިވާ، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ އާއްމުންގެ ގޭގޭގެ ފުރާޅު ސްޓެލްކޯއިން ކުއްޔަށް ނަގާ، ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދާގޮތަށެވެ.

ސްޓެލްކޯއިން ވިދާޅުވީ ހަރުކުރާ ކޮންމެ 1 ކިލޯވޮޓްގެ ސޯލަރއަކަށް 180.60 ރުފިޔާ، ކުލީގެ ގޮތުގައި ސްޓެލްކޯއިން ގޭގެއަށް ދައްކާނެކަމަށެވެ. މި މަސައްކަތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ހުރިހާ މަސައްކަތްތަކާއި ޚަރަދެއް ބަލަހައްޓާނީ ސްޓެލްކޯއިންކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ މި ފުރުޞަތަކީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއްކަމަށެވެ. މީގެ ސަބަބުން ތިމާވެށީގެ ފައިދާގެ އިތުރުން، ކަސްޓަމަރުންގެ ގޭގެެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި އާއްމުންގެ ބައިވެރިވުންވެސް، މި ޕްރޮޖެކްޓްގެ ސަބަބުން އިތުރުކުރެވިގެންދާކަމަށެވެ.

ޕްރޮގްރާމް ކުރިއަށްގެންދެވޭނީ ޕެނަލް ހަރުކުރާ ފުރާޅުގައި މަދުވެގެން 100 އަކަފޫޓުގެ ހުސްޖާގަ އޮވެގެންނެވެ. އަދި ފުރާޅުގައި މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެހައި ވަރު ހުންނަންޖެހޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއްވައެވެ. މީގެއިތުރުން ފަސޭހައިން އިރުގެ އަވިލިބޭ ތަނެއްގައި ހުރި ތަނަކަށްވުމާއި ޕެނަލް އަދި އިންސްޓަލޭޝަން ވަޞީލަތްތައް ހަރުކުރެވޭނެ ޖާގަ ހުންނަންޖެހޭކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

"އަވިކަތަ" ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން ސްޓެލްކޯއާއި ގުޅައިގެން ކުރިއަށްގެންދިއުމަށް އެ ކުންފުނިން އެދިވަޑައިގަންނަވައެވެ. ސްޓެލްކޯގެ އަވިކަތަ ޕްރޮގްރާމް މާލެ ސަރަޙައްދުގެ އިތުރުން، އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގައިވެސް ކުރިއަށްގެންދެއެވެ.