ޚަބަރު

އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް ނަދީމް ރާއްޖެ ވަޑައިގެންފި


އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނަދީމް ރާއްޖެ ވަޑައިގެންފިއެވެ. ނަދީމް ރާއްޖެވަޑައިގަތީ އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމްކުރާ 7 ވަނަ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނަދީމްގެ މި ދަތުރުފުޅުގެ ސަބަބުން ސަރަޙައްދުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުންގެ މެދުގައި ދޭދޭ ގުޅުން ބަދަހިވެ، ޚިދުމަތްތައް ކުރިއެރުވުމުގައި އޭބީޔޫއިން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި ދަތުރުގައި އޭބީޔޫ ކްލައިމެޓް ސަމިޓް ކަމުގައިވީނަމަވެސް މީޑިއާ އަދި ދާއިރާއާ ގުޅުންހުރި ފަރާތްތަކާއެކު މުހިއްމު މަޝްވަރާތައް ވެސް ކުރައްވާނެއެވެ. އަދި ސަރަޙައްދުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން މޫސުމީ ފިޔަވަޅުތަކާއި ކާރިސާތަކުން ރައްކާތެރިވުމަށް ބްރޯޑްކާސްޓަރުން ކުރާ މަސައްކަތަށް އޭބީޔޫއިން އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނަދީމް ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން ބާއްވާ އޭބީޔޫގެ ފުރަތަމަ ސަމިޓް ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. މި ސަމިޓްގެ ސަބަބުން ރާއްޖެއަށް އަދި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޙައްލު ހޯދަން މަގުފަހިވެގެންދާނެ ކަމަށްވެސް ނަދީމް ވިދާޅުވިއެވެ. ރާއްޖޭގައި މި ސަމިޓް ކުރިޔަށް ގެންދަން މަސައްކަތްކުރައްވާތާ 2 އަހަރު ވެފައިވާކަން ފާހަގަކުރައްވަމުން ނަދީމް ވިދާޅުވީ ރާއްޖޭގައި މި ބާއްވާ ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙިއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ. މި އަހަރުގެ ސަމިޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަދީމް ވިދާޅުވީ، މި ސަމިޓްގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުން ހާސިލްކުރައްވަން ބޭނުންފުޅުވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކަމަށެވެ. އަދި އޭގެ އިތުރުން، ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ބަލާ، އެކަމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އޭބީޔޫ އަކީ މުޅި ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ބްރޯޑްކާސްޓިންގް ޔޫނިއަންކަމަށް ފާހަގަކުރައްވައި، ނަދީމް ވަނީ އެކި ފެންވަރުގެ އެކި ޤައުމުތައް މި ސަރަޙައްދުގައި އޮތް އިރު ކޮންމެ ޤައުމަކަށްވެސް އެންމެ އެކަށީގެންވަނީ ކޮންކަމެއްތޯ ބައްލަވައި އެކަންކަން ޙާޞިލްކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި އިންސާނީ ވަސީލަތް ކުރިއެރުވުމާ، ތައުލީމީ ފުރުސަތުތައް ހޯދައިދިނުމާ ޓެކްނިކަލް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

އޭބީޔޫގެ ސެކެޓްރީ ޖެނެރަލްކަމާ އަޙްމަޑޫ ނަދީމް ހާވާލުވެވަޑައިގަތީ މިއަހަރުގެ އޭޕްރިލް މަހުއެވެ. ނަދީމް ވަނީ ޓެލެވިޜަން މޯލްޑިވްސް، ޓީ.ވީ.އެމްގެ އިންޖިނިއަރިން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

އޭ.ބީ.ޔޫއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޮޑްކާސްޓަރުންގެ ކުރިއެރުމަށް 1964 ގައި އުފެދުނު ޔޫނިއަނެކެވެ. އޭ.ބީ.ޔޫއިން އަންނަނީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއަރުވައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާގެ އެއްބާރުލުން ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޭ.ބީ.ޔޫ އުފެދުނު ފަހުން އެ ޔޫނިއަންގެ މެންބަރުންގެ ގޮތުގައި މިހާރު ދުނިޔޭގެ 64 ޤައުމެއްގެ 253 ބްރޯޑްކާސްޓިންގ ސްޓޭޝަން ހިމެނެއެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 އިން 10އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.