ކުޅިވަރު

ތައިލެންޑުގައި ބާއްވާ ޕެރަ ބެޑްމިންޓަން މުބާރާތަށް ރާއްޖޭގެ ޓީމު ފުރައިފި


"ތައިލެންޑް ޕެރަ އިންޓަނޭޝަނަލް ބެޑްމިންޓަން 2023" ގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ބެޑްމިންޓަން ޓީމު އެ ޤައުމަށް ފުރައިފިއެވެ.

މުބާރާތް ކުރިޔަށްދާނީ މި މަހުގެ 9 އިން 14ގެ ނިޔަލަށެވެ. މުބާރާތް ފެށުމުގެ ކުރިން ރާއްޖެއިން ވާދަކުރާ ދެ ކުޅުންތެރިން މުބާރާތުގެ ކްލެސިފިކޭޝަން ބުރުގައި ވާދަކުރާނެއެވެ.

ރާއްޖެއިން ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އަންހެން ޕެއަރގައި ހިމެނެނީ އެސްއެޗް 6 ގިންތީގެ ދެ ކުޅުންތެރިން ކަމަށްވާ ހައްވާ އީޝަލް ރިޔާޒާއި، އާއިޝާތު ނަޒާޙާ ޒަބީހެވެ. އެސްއެލް ކެޓަގަރީގައި ވާދަކުރަނީ ފިރިހެން ދެ ކުޅުންތެރިންނެވެ. އެއީ އަބްދުއްލަތީފް މުހައްމަދާއި އަޙުމަދު ފަޔާޒެވެ.

ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ އެސޯސިއޭޝަނުގެ ވައިޑީޕީ ހަރަކާތްތައް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ އަހްމަދު އިޔާދެވެ. ރާއްޖޭގެ އެތްލީޓުން މިމުބާރާތުގެ ސިންގަލް އަދި ޑަބަލްސްގެ އިވެންޓްތަކުގައި ވާދަކުރާނެއެވެ.

ރާއްޖޭގެ އަމާޒަކީ މި މުބާރާތާއެކު 2024 ގައި ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށާއި ކްލެސިފައިވުން ކަމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ.