ދުނިޔޭގެ ވިޔަފާރި

ޝެއިންގެ މުވައްޒަފުން ލައްވާ މަޖުބޫރުން މަސައްކަތްކުރުވިކަމަށް ބުނާ މައްސަލައެއް


ޗައިނާގެ ފެޝަން ބްރޭންޑް ޝެއިންއިން ވިއްކާ ބައެއް ހެދުންތައް އުފެއްދުމަށް މުވައްޒަފުން ލައްވާ މަޖުބޫރުން މަސައްކަތްކުރާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގްރޫޕަކުން ގޮވާލައިފިއެވެ.

އެ ގްރޫޕުން މިގޮތަށް ގޮވާލާފައިވާކަމަށް ވޯލް ސްޓްރީޓުން ރިޕޯޓުކޮށްފައިވަނީ އެމެރިކާގައި އެކުންފުނީގެ ހިއްސާ ވިއްކާފާނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.

ޝެއިންއިން ބުނީ އެމީހުންނަކީ އެއްގޮތަކަށްވެސް މުވައްޒަފުން ލައްވާ މަޖުބޫރުން މަސައްކަތްކުރުވާނެ ބައެއް ނޫން ކަމަށެވެ. އަދި ވޯލް ސްޓްރީޓްގައި ކުންފުނި ލިސްޓްކޮށްގެން ހިއްސާ ވިއްކުމަށް މިވަގުތު އެއްވެސް ޕްލޭނެއް ނެތް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންވެސް ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ޝެއިންއިން މުވައްޒަފުން ލައްވާ ގަދަކަމުން މަސައްކަތްކުރުވާކަމުގެ ގަބޫލުކުރެވޭ ހެކިތަކެއް އެބަހުއްޓެވެ. އަދި އެމެރިކާގައި ހިއްސާ ވިއްކުމުގެ ހުއްދަ ދިނުމުގެ ކުރިން، ކުންފުނިން ޗައިނާގެ އުއިގޫރު ހިސާބުގެ މަސައްކަތްތެރިން ލައްވާ މަޖުބޫރުން މަސައްކަތް ނުކުރާކަން މިނިވަންކަމާއިއެކު އޮޑިޓްކޮށް ޔަގީން ކުރުމަށް ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް މެމްބަރުންގެ ގްރޫޕުން ގޮވާލާފައިވެއެވެ.

އެ ސިޓީއަށް ރައްދު ދެމުން ޝެއިންއިން ބުނީ ކުންފުނިން ހިންގާ ކޮންމެ މާކެޓެއްގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް އެތެރޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމަށް ވާނީ ވައުދުވެފައެވެ. އަދި އެ ކުންފުނިން ތަބާވާން ޖެހޭނީ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ މައިގަނޑު މުއާހަދާތަކާއި އެއްގޮތްވާ ގޮތަށް ހަރުކަށި ސުލޫކީ މިންގަނޑަކަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކާއި އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ހުޅަނގުގެ ސަރުކާރުތަކުން ވަނީ މުސްލިމު ނަސްލުގެ މައިނޯރިޓީއެއް ކަމަށްވާ އިއުގޫރުގެ މަސައްކަތްތެރިން ލައްވާ މަޖުބޫރުން ޗައިނާއިން މަސައްކަތްކުރުވާ ކަމަށް ތުހުމަތުކޮށްފައެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރުމަހު ބީބީސީން ހަދަފައިވާ ދިރާސާއަކުން ދައްކާގޮތުގައި ޗައިނާގެ ޝިންޖިއާންގައި ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮޓޮން ހޮވަން މަޖުބޫރު ކުރަމުން ދިޔައެވެ. ނަމަވެސް ޗައިނާ އިން ވަނީ މިކަން ދޮގުކޮށްފައެވެ.

ހުޅަނގުގެ ބައެއް ބްރޭންޑްތަކުން ޝިންޖިއަންގް ކޮޓަން ސަޕްލައި ޗެއިންތަކުން ނަގާފައިވާއިރު، މުދާ އެތެރެކުރުމާއި ބެހޭ އާ ގަވާއިދުތަކެއް ފާސްކޮށް އެއީ މަޖުބޫރުން މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުވައިގެން އުފައްދާފައިވާ ތަކެތި ނޫންކަން ސާބިތުކޮށްދޭ ގަވާއިދުތަކެއް އެކުލަވާލަން އެމެރިކާއިން ވަނީ ޝިންޖިއަންއަށް ގޮވާލާފައެވެ.

2008 ވަނަ އަހަރު ޗައިނާގެ ނަންޖިންގްގައި އުފެއްދި ޝެއިންގެ މައި އޮފީސް މިހާރު ހުންނަނީ ސިންގަޕޫރުގައެވެ.

ޝެއިންއިން ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ޒުވާން ފިހާރަވެރިންގެ މައްޗަށް ކާމިޔާބު ހޯދަމުން އަންނަ ބޯހޯ އަދި އެސޮސް ފަދަ ވާދަވެރި ކުންފުނިތަކަށްވުރެވެސް ކުރި ހޯދާފައެވެ. މީގެއިތުރުން 2021 ވަނަ އަހަރު އެމެރިކާގެ އެންމެ ގިނައިން ޑައުންލޯޑް ކުރެވޭ ޝޮޕިން އެޕްގެ ގޮތުގައި އައިއޯއެސް އަދި އެންޑްރޮއިޑް އެޕް ޗާޓްތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އެމެޒޯންއަށް ވުރެ ބޮޑު ކުރިއެރުމެއް ޝެއިން ވަނީ ހޯދާފައެވެ.