މިދިޔަ ރޯދަމަހު ރ.ދުވާފަރު ކައުންސިލުން ބޭއްވެވި ޤުރުއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ ދެދަރިވަރަކު ހޯދައިފިއެވެ. އެއީ ރ.ކަނދޮޅުދޫ އަސަރީގޭ، މަރްޔަމް މާއިސާ އިބްރާހީމާއި، އެރަށު ހަތިހާ، އާމިނަތު އިމްނާ ޢާމިރުއެވެ. މި ދެދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ބަލައިގެން ކިޔެވުމުގެ ބައިގައެވެ.
ފަސް ޢުމުރު ފުރައަކަށް ބައްސަވައިލައްވައިގެން ބޭއްވެވި މިމުބާރާތުގެ އެއްވަނަ އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ތަށްޓާއި ފައިސާގެ އިނާމް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމްއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބިއިތުރުކުރެއްވުމަށް ސްކޫލްތަކާއި ކައުންސިލްތަކުން ބާއްވަވާ މިފަދަ ޤްރުއާން މުބާރާތްތަކުގެ ނަތީޖާ ފެންނަނީ ބެލެނިވެރިންނާއި، ސްކޫލްތަކުގެ މުދައްރިސުންގެ ބުރަ މަސައްކަތުންކަމަށެވެ. އަދި އެކަން މުޅި ރާއްޖެއިން ފެންނަމުން އަންނަކަމަށާއި، މިކަމުން ދައްކައިދެނީ ދީނީ ކަންކަމަށް އޮންނަ ލޯތްބާއި ދޭ އަހަމިއްޔަތު ކުރިއަށްވުރެ އިތުރުވެފައިވާކަން ކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު އުފާވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢުއެއް އުފެދި ޤުރުއާން ރީތިކޮށް ކިޔަވާ ކުދިން ގިނަވަމުންދާތީ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން" މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލާއި، އެރަށުގައި ހުންނަ އެ އަތޮޅު އަތޮޅު މަދަރުސާ ގުޅިވަޑައިގެން ބޭއްވެވި މިމުބާރާތަކީ، ކުދިންގެ ހިތްތަކުގައި ޤްރުއާނަށް އޮންނަ ލޯބި އިތުރުކުރައްވައި ރަށު ފެންވަރުގަ އާއި، ޤައުމީ ފެންވަރުގައި ވާދަކުރާނެ ރަނގަޅު ކުދިންތަކެއް އުފެއްދުމުގެ މަޤުސަދުގައި ބޭއްވެވި މުބާރާތެކެވެ. މި މުބާރާތުގައި 180 ދަރިވަރުން ވާދަކުރިއެވެ.