ޚަބަރު

2 ފްލެޓް އެއްކޮށްލައިގެން 4 ކޮޓަރި ހެދި ބަޔަކަށް 2 ލައްކަ ރުފިޔާގެ ޖޫރިމަނާއެއް


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެކަށައަޅައިފައިވާ އުޞޫލުތަކާ ޚިލާފަށް ހިޔާ ފްލެޓްގެ ދެ ޔުނިޓަކަށް ބަދަލު ގެނައި ބަޔަކު ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެޗްޑީސީން ބުނީ އެ ކުންފުންޏަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން ހިޔާ ޓަވަރެއްގެ ދެ ޔުނިޓެއްގެ މެދުގައިވާ ފާރު ތަޅާލައި، އަދި އެ ފްލެޓް ޔުނިޓް އެއްކޮށްލުމަށްފަހު 4 ކޮޓަރީގެ އެޕާޓްމަންޓެއް ޔުނިޓެއް ހަދާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެޗްޑީސީއިން ބުނީ އެކޯޕަރޭޝަނުން ހަދާފައިވާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ 2 ފްލެޓްގެ ވެރިންވެސް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަންގާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ޖޫރިމަނާކުރުމުގެ އިތުރުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެ ދެ ފްލެޓްވެސް ޙަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށްވެސް ވަނީ އަންގައިފައެވެ.

އެޗްޑީސީއިން ވަނީ މީގެކުރިންވެސް ހިޔާގެ ފްލެޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާއި ފްލެޓަށް ގެއްލުންދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ހިޔާގެ ޢިމާރާތުގެ އޮނިގަނޑަށް ބަދަލުގެ ނައުމާއި ވަޑާންގެއެއްހެން ބޭނުންކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓު ހެދުމާއި ބެލްކަނިން ބޭރުގައި ގަސްގަހާގެހި ބެހެއްޓުމަށް ސްޓްރަކްޗަރ ބަދަލުކުރުމުގެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.