އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމްކުރާ 7 ވަނަ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ބައިވެރިވެވޑައިގަންނަވާ ބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވަން ފަށްޓަވައިފިއެވެ.
އެންމެ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އޭބީޔޫ ސެކެޓްރީ ޖެނެރަލް އޮފީހުގެ އިސްވެރިޔާ ނަޓަލީ އިލިއެވާ، އެ އޮފީހުގެ އެސިސްޓެންޓް ރުޗީ މަލޯތްރާ، އޭބީޔޫ ނިއުސްގެ ޑިރެކްޓަރ ޑެބޮރާ ސްޓީލްގެ އޭބީޔޫގެ ސީނިއަރ އެޑިޓަރ އަޙްމަދު އަފްރުޙް ރަޝީދު ހިމެނިވަޑައިގަނެއެވެ. މި ސަމިޓް މި މަހުގެ 9 ން 10 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކުރިޔަށް އޮތް ދެތން ހަތަރު ދުވަހުގެ ތެރޭގައި އިތުރު މަންދޫބުން ރާއްޖެ ވަޑައިގެންނަވާނެއެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ފަހުކޮޅު އޭބީޔޫގެ ސެކެޓްރީ ޖެނެރަލްގެ އަޙްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ނަދީމަކީ މަޤާމަށް ކުރީގެ ޕީއެސްއެމްގެ އިންޖިނިއަރިން ހެޑުގެ ގޮތުގައި މަސައްކަތްކުރެއްވި ރާއްޖޭގެ ބޭފުޅެކެވެ.
މިއަހަރުގެ ސަމިޓްގައި ގާތްގަނޑަކަށް 150 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެއެވެ. މީގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނިބަޑައިގަނެއެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ މީޑިއާތަކުގައި އިސް ބޭފުޅުންނާއި މޫސުމީ މައްސަލަތަކާ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމަށް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުންގެ ދައުރާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އާންމުންނަށް ދިނުމުގައި ހުރި ދަތިތަކާއި މޫސުމީ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޑިޖިޓަލް މީޑިއާގެ ޤާބިލްކަން އިތުރުކުރުން ފަދަ މައުޟޫއުތަކަށް އޭބީޔޫ ސަމިޓުގައި މަޝްވަރާކުރައްވާނެއެވެ. އަދި މޫސުމީ ސައިންސާއި ސިޔާސަތުގެ އެންމެ ފަހުގެ ހޯދުންތަކާބެހޭ ސެޝަންތައް ވެސް ސަމިޓުގައި ކުރިއަށް ގެންދަވާނެއެވެ. ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ މައްސަލަައިގެ ހާލަތާބެހޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކުގެ ވެރިންނާއި ބައިވެރިންނާ ޙިއްޞާކުރެވޭނެއެވެ.
މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙީއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ.