ދުނިޔޭގެ ވިޔަފާރި

އެޑިޑާސްއާ ދެކޮޅަށް އިންވެސްޓަރުން ދައުވާކުރަނީ


ބޫޓާއި އަންނައުނު އުފައްދާ ޖަރުމަނުވިލާތުގެ ކުންފުނި އެޑިޑާސް އާއި އެމެރިކާގެ މަޝްހޫރު ރެޕް ލަވަލިޔުންތެރިޔާ ކާންޔޭ ވެސްޓާއިއެކު އޮތް ޕާޓްނަރޝިޕް ނިމުމުގެ ކުރިން އެޑިޑާސްއަށް ކާންޔޭ ކިޔާފައިވާ ފާޑުކިޔުންތަކުގެ ވާހަކަ ކުންފުންޏަށް އެގޭ ކަމަށާއި، އެކަން އިންވެސްޓަރުންނަށް އަންގާފައިވާ ނުވާ ކަމަށްބުނެ އެ ކުންފުންޏާއި ދެކޮޅަށް އިންވެސްޓަރުން ދައުވާކޮށްފިއެވެ.

ހުކުރު ދުވަހު ފެޑެރަލް ކޯޓަކަށް ހުށަހެޅި ދައުވާގައި ހިއްސާދާރުން ތުހުމަތުކުރާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން ކާންޔޭގެ ސުލޫކީ މައްސަލައަށް އެޑިޑާސް އަޅާލާފައެއްނުވެއެވެ. އެގޮތުން އެ އަހަރު ނެރުނު ރިޕޯޓެއްގައި އެޑިޑާސްގެ އިސް ބޭފުޅުން ވަނީ ކާންޔޭއާއެކު ޕާޓްނަރޝިޕް ނިންމާނުލެވޭނެ ގޮތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައި ކަމަށް އެ ދައުވާގައިވެއެވެ.

ދައުވާގައި ކާންޔޭގެ ނަން ހާމަކޮށްފައި ނުވެއެވެ. އަދި އެޑިޑާސްގެ ޗީފް ފައިނޭންޝަލް އޮފިސަރު ހާމް އޮލްމޭޔަރ އާއި ކުރީގެ ސީއީއޯ ކަސްޕަރ ރޮރސްޓެޑް ދައުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި ދައުވާގައި ހިމެނެނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އެޑިޑާސްގެ ހިއްސާއެއް ގަތް ކޮންމެ މީހެކެވެ.

އެޑިޑާސްއިން ބުނީ މިއީ އަސާސެއް ނެތް ދައުވާތަކެއްކަމަށާއި، ދައުވާތަކާއި މުޅިން ދެކޮޅު ހަދާކަމަށެވެ. އަދި އެ ދައުވާތަކުން ވަރުގަދައަށް ދިފާއުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށްވެސް އެޑިޑާސްއިން ބުންޏެވެ.

ކާންޔޭއާއެކު ގާތްގަނޑަކަށް 10 އަހަރު ދުވަހު އޮތް ޕާޓްނަރޝިޕް އެޑިޑާސްއިން ނިންމާލީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހު "ވައިޓް ލައިވްސް މެޓަރ" ޖަހާފައި އިން ޓީޝާޓެއް ލައިގެން އާންމުންގެ ތެރެއަށް ކާންޔޭ ނިކުތުމުންނެވެ. އެންޓި ޑިފެމޭޝަން ލީގުން މި އިބާރާތް ކެޓަގަރީ ކުރަނީ ވައިޓް ސުޕްރެމަސިސްޓް ޖަމާއަތްތަކުން ބޭނުންކުރާ ނަފްރަތުގެ ޝިއާރެއެއްގެ ގޮތުގައެވެ.

އެޑިޑާސްއިން ބުނި ގޮތުގައި ކާންޔޭއާއެކު ޕާޓްނަޝިޕް ނިންމާލީ އެއްވެސް ބާވަތެއްގެ ނަފްރަތު އުފެދުމަށް ހިތްވަރު ނުދިނުމަށްކަމަށެވެ. އަދި އޭނާ ދައްކާފައިހުރި ވާހަކަތަކަކީ ގަބޫލު ނުކުރެވޭ، ނަފްރަތު ބޮޑު އަދި ނުރައްކާތެރި ވާހަކަތަކެއް ކަމަށާއި އަދި އެއީ ކުންފުނީގެ އުސޫލުތަކާއި ހިލާފު ވާހަކަތަކެއް ކަމަށްވެސް އެޑިޑާސްއިން ބުނެއެވެ.

ކާންޔޭއާއެކު އޮތް އެއްބަސްވުން ނިންމާލުމުން މިއަހަރު 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ އެއް ކުންފުންޏަށް ގެއްލޭނެކަމަށް އެޑިޑާސްއިން ފެބްރުއަރީމަހު ވަނީ ބުނެފައެވެ.

އެޑިޑާސްގެ ޕާޓްނާޝިޕެއްގެ ދަށުން ކާންޔޭ މަސައްކަތްކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އެޑިޑާސް އާއި ކަންޔޭގެ ބްރޭންޑް ޔީޒީ ގުޅިގެން އެކި އުފެއްދުންތައް ނެރެފައިވެއެވެ. އެޑިޑާސްއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޕޯޓްސް ވެއާ ބްރޭންޑެވެ.