ޚަބަރު

އެމްއޭސީއެލްއިން ކެއަރ ސޮސައިޓީގެ 4 ކުއްޖަކަށް އިންޓަރންޝިޕްގެ ފުރުޞަތު


މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް ޚާއްޞަ އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެމްއޭސީއެލްއާއި ކެއަރ ސޮސައިޓީއާ ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވައިލައިފައެވެ.

އެމްއޭސީއެލްގެ އިންޓަރޝިޕް ޕްރޮގްރާމްގައި ކެއަރ ސޮސައިޓީގެ 4 ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެއެވެ. ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި، އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ 1 އަހަރުގެ ކޯސް ފީ މި އެއްބަސްވުމުގެ ދަށުން ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ ނިންމަވާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

ކެއަރ ސޮސައިޓީ އާއި އެމްއޭސީއެލްއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޠާހާއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު އާޠިފެވެ.

އެމްއޭސީއެލްއިން ބުނީ އެކުންފުނީގެ މި ފުރުޞަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެކުދިންނަކީވެސް މަސައްކަތުގެ މާޙައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށްވުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް މިއިންޓަރންޝިޕް ޕްރޮގްރާމް ވެގެންދާނެ ކަމަށެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކަކުން އަންނަނީ ސްކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާގެ މާޙައުލު ތަޖުރިބާކޮށް، އެކުދިން ކުރިއަށްދާން ބޭނުންވާ އެކި ދާއިރާތަކުން ފުރުޞަތު ފަހިކޮށްދެމުންނެވެ. މީގެ ސަބަބުން ކުދިންނަށް ކުރިއަށްދެވޭނެ ދާއިރާތަކުގެ މަޢުލޫމާތު ލިބި، ޒުވާނުންނަކީ ވަޒީފާއަށް ނުކުންނައިރު އެމާޙައުލަށް ތައްޔާރުވެފައިވާ ބަޔަކަށްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.