ޚަބަރު

މެދުތެރެއާއި ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެލަރޓް ނެރުއްވައިފި


މެދު ރާއްޖެތެރެއާއި، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރުއްވައިފިއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމި އިދާރާ، ނޭޝަނަލް މީޓްރިއަލޮޖިކަލް ސަރވިސްއިން ވިދާޅުވެއެވެ. ޚާއްސަކޮށް ދެކުނުގެ 4 އަތޮޅުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. 

މެދުރާއްޖެތެރެއާއި ދެކުނަށް ކުރަމުންދާ ވިއްސާރައިގައި މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރޭވޭތީ، މިސަރަޙައްދުތަކުގެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ތިއްބެވުމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ. ޔެލޯ އެލަރޓް ނެރުއްވީ މިއަދު ހެނދުުނު 7:45 އިން މެންދުރުކުރި 11:45 އާއި ހަމައަށެވެ. ޕީ.އެސްއެމަށް މައުލޫމާތު ލިބިފައިވާ އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި މިހާރުވެސް ވަނީ ކޮންމެވެސް ވަރަށް ފެންބޮޑުވެފައެވެ.