ދުނިޔޭގެ ވިޔަފާރި

އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކުރަނީ


ހަކުރު އުފެއްދުމަށް ބޭނުންކުރާ އުއްދަނޑި އުފެއްދުން މަދުވުމުގެ ސަބަބުން އަވަށްޓެރި އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރާ މިންވަރު މަދުކުރާނެކަމަށް ބެލެވޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓެއްގައިވާ ގޮތުން އުއްދަނޑި އުފެއްދުން މަދުވުމުގެ ސަބަބުން
އަންނަ އަހަރު ބާއްވާ އިންތިހާބުގެ ކުރިން އެތެރޭގައި އަގުތައް އުފުލުނަ ނުދިނުމަށް އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކުރަން ނިންމާފައިވާކަމަށެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހަކުރު ޝިޕްމަންޓް މަނާކުރުމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެއެވެ. އަދި މި ނިންމުން ނިންމީ ޔޫނިއަންގެ ފިނޭންސް މިނިސްޓަރު ނިރްމާލާ ސިތަރަމަން އާއި ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް ހިމެނޭ ގޮތަށް މިނިސްޓަރުންގެ ޕެނަލަކުން 27 އޭޕްރީލްގައި ބޭއްވި ބައްދަލުވުމެއްގައިކަމަށްވެސް ހަބަރުތައް ބުނެއެވެ.

އިންޑިޔާގެ އެތެރޭގެ ޑިމާންޑަށް ބޭނުންވާނެކަމަށް އަންދާޒާކޮށްފައިވާ 275 ލައްކަ ޓަނުގެ ހަކުރު އެބަހުރިކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މިއަހަރު ސްޓޭޓް އިލެކްޝަންސް އޮވެފައި، އަދި އަންނަ އަހަރު ލޮކްސަބާ އިލެކްޝަންސް އޮންނާނެތީ، ހަކުރު ތަދުވުމުގެ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާކަމަށް އިންޑިއާއިން ބުނެއެވެ.

ވިޔަފާރިއާއިބެހޭ ރިޕޯޓެއްގައިވާ ގޮތުން މިއަހަރު ސެޕްޓެމްބަރުގައި ނިމޭ މާލީ އަހަރުގައި 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓް ކުރުމަށް ކާބޯތަކެއްޗާއިބެހޭ ވުޒާރާ އިން ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 4 މިލިއަން ޓަނުގެ ހަކުރު މިހާރު ވަނީ އެކްސްޕޯޓްކޮށްފައެވެ.

އިންޑިއާ އިން ގިނައިން ހަކުރު އެކްސްޕޯޓް ކުރަނީ އިންޑޮނޭޝިއާ، ބަންގްލަދޭޝް، މެލޭޝިއާ، ސޫދާން، ސޯމާލިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 2022 އަށް 2023 ވަނަ އަހަރުގެ ނިޔަލަށް މިހިނގާ މާލީ އަހަރު އިންޑިއާ އިން 32.8 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިއީ ކުރިން ލަފާކުރި މިންވަރަށް ވުރެ %3.5 ދަށް މިންވަރެކެވެ.

ހަކުރު އުފެއްދުން މަދުވީ މަހާރާޝްތުރާ އާއި އުއްތަރު ޕްރަދޭޝް ފަދަ ހަކުރު އުފައްދާ ބޮޑެތި ސްޓޭޓްތަކަށް ވާރޭ ވެހުމުގެ ސަބަބުން ހަކުރު އުފައްދަން ބޭނުންކުރާ އުއްދަނޑި އުފެއްދުން ދަށްވެފައިވާތީއެވެ.