ކުޅިވަރު

ހާވީ ގާސިއާ ވަކިކޮށް ލީޑްސްގެ ކޯޗަކަށް ސޭމް އެލަޑައިސް


އިނގިރޭސި ޕްރިމިއާ ލީގުގައި މާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ ލީޑްސް ޔުނައިޓެޑުގެ ކޯޗު ހާވީ ގާސިއާ މަގާމުން ވަކިކޮށް, އެ މަގާމަށް ސޭމް އެލަޑައިސް ހަމަޖައްސައިފިއެވެ.

ލީޑްސްއިން ހާމަކުރާގޮތުގައި މިއީ މިސީޒަންގައި ރެލިގޭޝަނުން ސަލާމަތްވުމަށް އެކްލަބުން އެޅި ފިޔަވަޅެކެވެ.

ލީޑްސްގެ ކޯޗް ކަމުން ސްޕެއިންއަށް ނިސްބަތްވާ ގާސިއާ މިވަކިކުރީ މަގާމާއި ހަވާލުވިތާ 10 ހަފްތާ ވީ ތަނާއެވެ. މިއަހަރުގެ ފެބްރުއަރީ މަހު އެމަގާމާއި ހަވާލުވި ގާސިއާގެ ބެލުމުގެ ދަށުން ލީޑްސް ކުޅެފައިވަނީ 12 މެޗެވެ. ގާސިއާގެ ކޯޗް ކަމުގެ ދަށުން ލީޑްސް ކުޅުނު އެންމެ ފަހު މެޗަކަށް ވެގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު ބޯންމޯތާއި ދެކޮޅަށް ކުޅެ ހަތަރު ލަނޑު އެއްލަނޑުން ބަލިވި މެޗެވެ.

އެލަޑައިސް ލީޑްސްގެ ކޯޗް ކަމާއި ހަވާލުވިއިރު އެޓީމް މިއޮތީ ތާވަލްގެ 17 ވަނައިގައެވެ. ނަމަވެސް ރެލިގޭޝަނުން ލީޑްސް ބޭރުވެވިފައިވަނީ ހަމައެކަނި ފައިދާ ލަނޑުގެ ތަފާތުންނެވެ.

މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން އެލަޑައިސް ބުނީ މިމަގާމާއި ހަވާލުވުމުގެ ފުރުސަތު ލިބުމުން ހައިރާންވި ކަމަށެވެ. އެއީ ސީޒަން ނިމެން މިހާގާތްވެފައިވަނިކޮށް ކޯޗް ކޮށްދިނުމުގެ ފުރުސަތެއް ލިބިގެން ދާނެކަމަށް އެއްވެސް ވަރަކަށް ހީކުރެވިފައިނެތުމުންނެވެ. އަދި މިހާރު ރެލިގޭޝަނުން ލީޑްސް ސަލާމަތް ކޮށްދިނުމަށް ލިބިފައިމިވަނީ އެންމެ ހަތަރު މެޗް ކަމަށާއި މިއަށްވުރެ އިތުރު ވަގުތު ލިބުނު ނަމަ މިކަން ކުރަން ފަސޭހަ ވެގެން ދިޔައީސް ކަމަށް އެލަޑައިސް ބުންޏެވެ. އެހެން ނަމަވެސް މިގޮން ޖެހުމުން އަރައިގަތުމަށްވެސް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.

އެލަޑައިސްގެ ކޯޗް ކަމުގެ ދަށުން ލީޑްސް ކުޅޭ ފުރަތަމަ މެޗްގައި މިއަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއެވެ. މީގެއިތުރުން ދެން ކުޅުމަށް ހަމަޖެހިފައިވަނީ ނިއުކާސްލް ޔުނައިޓެޑް، ވެސްޓް ހޭމް ޔުނައިޓެޑް އަދި ޓޮޓްނަމް ހޮޓްސްޕަރ އާއެކުއެވެ.

އެލަޑައިސް އެންމެ ފަހުން ޓީމަކަށް ކޯޗް ކޮށްދީފައިވަނީ 2020-2021 ވަނަ ސީޒަންގައެވެ. އެފަހަރު ވެސްޓް ބްރޮމްވިޗް އެލްބިއަން ވަނީ އޭނާގެ ކޯޗް ކަމުގެ ދަށުގައި ރެލިގޭޓް ވެފައެވެ. އެއީ އޭނާގެ ކެރިއަރުގައި ކޯޗް ކޮށްދިން ޓީމެއް ޕްރިމިއަރ ލީގުން ރެލިގޭޓްވި ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިފަހަރު އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް އެލަޑައިސް ބުންޏެވެ.