ކުޅިވަރު

ފުލަމް ބަލިކޮށް ލިވަޕޫލުން އުއްމީދު އައުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް ބަލިކޮށް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ އުއްމީދު ލިވަޕޫލުން އާކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުން ލަނޑުންނެވެ.

ލިވަޕޫލުން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގައި ފުލަމްއިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހްއެވެ. މިއީ އޭނާ ލިވަޕޫލްގެ ދަނޑުގައި ޖެހިޖެހިގެން ލަނޑު ޖެހި އަށް ވަނަ މެޗެވެ. މިމެޗްގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުލަމްގެ ޑިފެންސްވެސް ފެނިގެންދިޔައީ ވަރަށް ރޭވުންތެރިކަމާއެކު ކުޅެމުންދިޔަ ތަނެވެ. މިމެޗްގައި ފުލަމްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ކާލޯސް ވިނީޝިއަސްއަށް ލިބުނެވެ. މިދެ ހަމަލާވެސްވަނީ ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރ ދިފާއުކޮށްފައެވެ. އަދި މިމެޗްގެ ފަހު ވަގުތުކޮޅު ރަނގަޅަށް ކުޅެފައިވަނީވެސް ފުލަމްއިންނެވެ.

މިކާމިޔާބީއާއެކު ލިވަޕޫލުން މިވަނީ ޖެހިޖެހިގެން ފަސްވަނަމެޗް ކާމިޔާބުކޮށްފައެވެ. ލިވަޕޫލް މިހާރު އުޅެނީ 34 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި ހަތަރު ވަނައިގައި އުޅޭ މެންޗެސްޓަރ ޔުނައިޓެޑާ ހަތަރު ޕޮއިންޓަށް ގާތްކޮށްފައެވެ. ނަމަވެސް ޔުނައިޓެޑް އަދި ނުކުޅެ ދެމެޗް އޮތުމުން މިފަރަގު ބޮޑު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބެއެވެ.

މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އުންމީދު ކުރި ނަމަވެސް އެފުރުސަތު އަދި ފެންނަނީ ވަރަށް ކުޑަކޮށްކަމަށް ލިވަޕޫލްގެ ކޯސް ޔަރގަން ކްލޮޕްވެސް ވަނީ މެޗަށްފަހު ބުނެފައެވެ. އޭނާ ބުނިގޮތުގައި ނިއުކާސްލް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅެން ހުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފިނަމަ ގަދަ ހަތަރަކުން ފުރުސަތެއް ނުލިބޭނެ ކަމަށާއި އަދި ބްރައިޓަން އެންޑް ހޯވް އެލްބިއަން އެޓީމް ކުޅެންޖެހޭ ހުރިހާ މެޗެއް ކާމިޔާބު ކޮށްފިނަމަ ލިވަޕޫލަށްވުރެ ކުރިއަރާނެކަމަށްވެސް ކްލޮޕް ބުންޏެވެ. ނަމަވެސް މިވަގުތު ޓީމް ދަތުރު ކުރަމުންދާ މިސްރާބާމެދު ހިތްހަމަ ޖެހޭ ކަމަށާއި މިގޮތުގައި ސީޒަންގެ ބާކީ ހުރި މެޗްތައް ކާމިޔާބުކޮށް އެއަށްފަހު އެޓީމް އޮތް ހިސާބެއް ބަލާނީ ކަމަށްވެސް ކްލޮޕް ބުންޏެވެ.

މިމެޗުން ބަލިވި ނަމަވެސް 2011-2012 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ގަދަ ދިހައެއްގައި ހިމެނިގެން ސީޒަން ނިންމާލުމުގެ ފުރުސަތު ފުލަމްއަށް އެބައޮތެވެ. އެޓީމް މިވަގުތު އޮތީ 34 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.