ދުނިޔޭގެ ވިޔަފާރި

އޭޝިއާގެ ގައުމުތަކަށް ސައުދީން ވިއްކާ ތެލުގެ އަގުހެޔޮކުރަނީ


އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް ކަންޓްރީޒްއާއި ރަޝިއާ ހިމެނޭ، އޯޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު މަދުކުރިނަމަވެސް، ސައުދީ އަރަބިއްޔާއިން އޭޝިއާގެ ގައުމުތަކަށް ވިއްކާ ތެލުގެ އަގު އަންނަ ޖޫންމަހު ހެޔޮކުރާނެކަމަށް ބެލޭވޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގައި ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނި އަރަމްކޯއިން ޖޫންމަހު މީޑިއަމް ސަވަރ ތެޔޮ ފީފާއެއްގެ ރަސްމީ އަގު، ގާތްގަނޑަކަށް 40 ސެންޓް ދަށްވެދާނެކަމަށް ހަބަރުތައް ބުނެއެވެ.

އަންނަ މެއި މަހުން ފެށިގެން ދުވާލަކު 1.6 މިލިއަން ފީފާއަށް ތެޔޮ އުފެއްދުން މަދުކުރާނެކަމަށް އޯޕެކް ޕްލަސްއިން އިއުލާންކުރުމުން މެދުއިރުމަތީގެ ތެލުގެ އަގު އޭޕްރީލްމަހުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އުފުލިފައެވެ. ނަމަވެސް އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި ތެލުގެ އަގު ވަނީ ވެއްޓިފައެވެ.

ހަބަރުތައް ބުނާގޮތުން ޗައިނާއިން ވަރަށް އަވަހަށް ރިފައިންޑް ޕްރޮޑަކްޓް ކޯޓާގެ އާ ބެޗެއް ނެރެ، މިހާރުވެސް ސަޕްލައިއަށް ބުރޫއަރާފައިވާ ތެލުގެ ބާޒާރަށް ސަޕްލައި އިތުރުވާނެކަމަށްވެސް މާކެޓުން ލަފާކުރެއެވެ.

މިކަމުގެ ސަބަބުން އޭޝިއާއާއެކު ވެފައިވާ މެދުއިރުމަތީގެ ސާފުނުކުރާ ތެލުގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދައުރު ވަނީ މަޑުޖެހިފައިފައެވެ. ހަމައެއާއެކު، ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އިމްޕޯޓުކުރާ ޗައިނާ އާއި 3 ވަނައަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓުކުރާ އިންޑިއާގެ ރިފައިނަރުން ދަނީ ޑިސްކައުންޓް ލިބޭ ރަޝިޔާގެ ތެލުގެ ފައިދާ ނަގަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތީގައި އުފައްދާ ތެލަށް އޮތް ޑިމާންޑު ވަނީ ދަށްވެފައެވެ.

ސައުދީގެ ތެލުގެ އަގު އާންމުކޮށް ދޫކުރަނީ ކޮންމެ މަހެއްގެ ފަސް 5 ދުވަހު ކަމަށާއި، އީރާނާއި ކުވެއިތު އަދި އިރާގުގެ އަގުތަކަށް ޓްރެންޑް ކަނޑައަޅާއިރު، އޭޝިއާއަށް ދުވާލަކު އިމްޕޯޓްކުރާ 9 މިލިއަން ފީފާ ތެލަށް މިކަމުގެ އަސަރު ކުރެއެވެ.

ސައުދީ އަރަމްކޯއިން ތެލުގެ އަގު ކަނޑައަޅަނީ ކަސްޓަމަރުންގެ ލަފާގެ މައްޗަށް ބިނާކޮށް، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގަށް އައި ބަދަލު ހިސާބުކުރުމަށްފަހު، ލިބޭ ފައިދާއާއި އުފެއްދުމުގެ އަގަށް ބަލައިގެންނެވެ.