ރާއްޖެއަށް ޙާއްޞަ އިޤްތިޞާދީ ސަރަޙައްދު ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ކަށަވަރުކުރެވުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން ބުނެފިއެވެ.
ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމާ ބޭހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް، އިޓްލޮސްއަށް ހުށަހެޅުނު މައްސަލައިގައި، ދިވެހިރާއްޖޭގެ ސަރުކާރުން ވަކާލާތުކުރި ގޮތަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ވަނީ މައްސަލަ ނިންމައިފައެވެ.
އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއާ ފާހަގަކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ ޓްރައިބިއުނަލުން ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް އަދާލަތު ޕާޓީން ވަނީ މަރުޙަބާ ދަންނަވާފައެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ބުނީ މި ނިންމުމަކީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަށަވަރުކުރެވި، ދިވެހި މަސްކަނޑުތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށްވެސް ޢަދާލަތުން ބުނެފައިވެއެވެ.
ޢަދާލަތު ޕާޓީން ބުނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދު ކަމުގައި ބެލެވޭނީ ދިވެހިރާއްޖޭގެ ބޭސްލައިންއިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަޙައްދުކަމަށެވެ. އެެހެންކަމުން ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ޤަބޫލުކުރަން ނިންމުމަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމި ނިންމެވުމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީން ބުނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަމަތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ފުށުއަރާ ހަމަތަކެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެންދިޔަ ދިޔުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމުގައި އަދާލަތު ޕާޓީން ބުނެއެވެ.