ޚަބަރު

އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތް ފަށައިފި


ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތާއި އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް ރަސްމީކޮށްދޭން ފަށައިފިއެވެ. ލެޕްރޯސްކޮޕިކް ސާޖަރީ އަކީ ބަނޑު ކަފާ ނުލައި، ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކުރާ ސަރޖަރީއެކެވެ. އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމަށް ދެވޭ ފަރުވާއެކެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރި ފުރަތަމަ ލެޕްރޯސްކޮޕިކް ސާރޖަރީ ކާމިޔާބުކަމަށާ އެ ސާޖަރީ ހަދާފައިވަނީ އުމުރުން 26 އަހަރުގެ އަންހެނެއްގެ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މިމީހާގެ ހާލު ރަނގަޅު ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިއޮޕަރޭޝަން ކާމިޔާބު ކުރުމުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް އައިޖީއެމްއެޗްއިންވަނީ ޝުކުރު އަދާކޮށްފައެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ލެޕްރޯސްކޮޕިކް ސާޖަރީ ފަށާފައިވާއިރު މިޚިދުމަތް މިވަގުތުދެނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ. މިސާޖަރީ ހެދުމުގައި އިސްކޮށް އުޅުއްވަނީ އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް ޖެނެރަލް ސަރޖަރީ ޔުނިޓްގެ ހެޑް، ޑރ.ޢަބްދުﷲ އުބައިދު އެވެ. އުބައިދު ވިދާޅުވީ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ޖުމްލަ ތިން މީހެއްގެ ސަރޖަރީ ކާމިޔާބު ކަމާއެކީ ކޮށްނިންމާލާފައިވާކަމަށެވެ.

"މިއަދު މިކުރި ފުރަތަމަ އޮޕްރޭޝަން ކުރި އަންހެން ކުއްޖާގެ ބަނޑަށް ކެމެރާ ލައްވައިގެން ގޯލް ބްލަޑަރ ވަނީ ނަގާފައި. ގޯލް ބްލަޑަރ ޓެސްޓް ކުރުމަށް މިހާރު ވަނީ ލެބޯޓަރީއަށް ފޮނުވާފައި." އަބްދުﷲ އުބައިދު ވިދާޅުވިއެވެ.

ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް އެ ހޮސްޕިޓަލުން އަންނީ ރާވަމުުންނެވެ. އެގޮތުން އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި އައިޖީއެމްއެޗްގެ ޓީމް އެނބުރި މާލެ ދާނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމަށް ފަހުގައި ކަމަށާ، އިތުރު ތަމްރީންތައް ބޭނުންވާނަމަ އެކަންކަން ފުރިހަމަ ކުރުމަށް އައިޖީއެމްއެޗްއަށް އިތުރު ޑޮކްޓަރުންނާ ނަރުހުން ގެންދާނެކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ބަނޑުގެ ކިތަންމެ ކުޑަ އޮޕަރޭޝަނެއް ނަމަވެސް މީގެ ކުރިން ކުރަމުން އައީ ބަނޑު ފަޅައިގެންނެވެ. އޭގެ ސަބަބުން ބަލިމީހާއަށް އަޅާ ވޭން ބޮޑުވެ ފަރުވާ ދިނުމުގައި ދިގު މުއްދަތެއް ނަގައެވެ. އެހެންނަމަވެސް ލެޕްރޯސްކޮޕިކް ސާޖަރީ ފެށުމުން ބަލި މީހާއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހާގެ އަތުންދާ ޚަރަދު ކުޑަވެ ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ މުއްދަތުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ސާޖަރީގެ މިޚިދުމަތް ފެށުމުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލި މީހުންނަށް މާލީގޮތުންނާއި ޞިއްޙީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުން ޞިއްޙީ ޚިދުމަތާއި ދޭތެރޭ ކުރާ އިތުބާރާ ޔަގީންކަން ބޮޑުވެ ފެންވަރު ރަނގަޅު ޑޮކްޓަރުން ގެނައުމަށާއި ތިބުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ލެޕްރޯސްކޮޕިކް ސަރޖަރީގެ އިތުރުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެޑްވާންސް ވޫންޑް ކެއާގެ ޚިދުމަތްވެސް މިއަދުވަނީ ފަށާފައެވެ.

އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމުގެ ފަރުވާއެކެވެ. އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް ދިނުމަށް ޤާއިމް ކޮށްފައިވާ ކްލިނިކް މިއަދު ހުޅުވާ ޚިދުމަތް ދޭންފަށާފައިވާއިރު، މިއަދު ފަރުވާ ދީފައިވަނީ އެންމެ މީހަކަށެވެ މިކްލިނިކުން ފަރުވާ ދޭނީ ބޮޑެތިކޮށް ހަލާކުވެފައި ހުންނަ ތަންތަނަށާ، ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރު ގަނޑުތަކާ، ހަލާކުވެ އިންފެކްޓް ވެފައި ހުންނަ ތަންތަނަށެވެ. އަދި މި ކްލިނިކަށް ދައްކަން ބޭނުންވާ މީހާ ކަނޑައަޅާނީ ޑޮކްޓަރުން ބެލުމަށް ފަހުގައި ކަމަށް އެ ހޮސްޕިޓަލުންބުނެއެވެ. މީގެއިތުރުން ކެމެރާ ލައްވައިގެން ކުރަންޖެހޭ އަންހެނުންގެ ޚާއްޞަ އޮޕަރޭޝަންތަކާއި ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރަމުންދާ ކަށީގެ އޮޕަރޭޝަންތައް ފެށުމަށްވެސް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.

7500 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގައި ޤާއިމްކޮށްފައިވާ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000 ވަނަ އަހަރުއެވެ. ތިނަދޫގެ ބޮޑު އާބާދީގެ އިތުރުން، އެ ސަރަޙައްދުގެ ގިނަ ރަށްތަކެއްގެ ރައްޔިތުންވެސް ސިއްޙީ ޚިދުމަތަށް ބަރޯސާވަނީ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަސައްކަތް މިހާރު ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކަކީ އެ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭޖެހުން ކުޑަކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޒަމާނީ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.