ކުޅިވަރު

ބޮޑަށް ބަލާނީ ޒުވާން ކުޅުންތެިރންނަށް ފުރުސަތު ދޭން - ވޮލީ ކޯޗް


މެލޭޝިއާ އިންވިޓޭޝަނަލް މުބާރާތުގައި ބޮޑަށް ބަލާނީ ޒުވާން ކުޅުންތެރިންނަށް ފުރުރުސަތު ދޭން ކަމަށް ޤައުމީ ވޮލީ ކޯޗް ސުންޓޮން ފޮސީޓާ ބުނެފިއެވެ. މުބާރާތުގައި ވާދަކުރަން މެލޭޝިއާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗް ބުނީ މިމުބާރާތަކީ ވަރުގަދަ ޓީމްތަކެއް ބައިވެރިވާ މުބާރާތެއް ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަކީ ދުރުކަމެއް ކަމަށެވެ. 

މިފަދަ މުބާރާތަކުން ރާއްޖެއަށް އެންމެ ބޮޑަށް ފައިދާ ކުރާނީ ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެވުން ކަމަށް ކޯޗް ފާހަގަ ކުރިއެވެ.

"ޓީމްގައި މިފަހަރު އެބަތިބި ވަރަށް ޒުވާން ކުޅުންތެރިން. މިއީ އެކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއެއް. މުބާރާތުގައި ބޮޑަށް ބަލާނީ އެކުޅުންތެރިންނަށް ރަނގަޅު ފުރުސަތެއް ދޭން" ކޯޗް ބުންޏެވެ.

މިރޭ ފުރި ޓީމްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވާއިރު، ރާއްޖޭގެ ފިރިހެން ވޮލީ ޓީމްވަނީ ބޭރުގެ މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނެރެފައެވެ. ޤައުމީ ވޮލީ ޓީމްގެ މިހާރުގެ ކޯޗް ސުންޓޮން ފޮސީޓާއަކީ ރާއްޖެ އެންމެ ފަހުން ވާދަކުރި ތިން މުބާރާތުގައިވެސް ޓީމަށް އިރުޝާދު ދީފައިވާ ފަރާތެކެވެ.