ޚަބަރު

ކަރަންޓް ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް: ސްޓެލްކޯ


ކަރަންޓު ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށްކަމަށާއި މީޓަރުގެ ރީޑިންގ ނުނަގައި އެއްވެސް ބިލެއް ތައްޔާރުކޮށްފައި ނުވާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ހާމަކޮށްފައި މިވަނީ މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް ބުނެ މީޑިއާއަކުން ހަބަރު ފެތުރުމާއި ގުޅިގެނެވެ.

ސްޓެލްކޯއިން ބުނީ "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާއި ޚިލާފަށް ބޮޑުކޮށްފި"ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ދޮގު މައުލޫމާތު ހިމަނައިގެން ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށެވެ.

ސްޓެލްކޯގެ ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށްކަމަށާއި މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެެވެ.

މީގެއިތުރުން ކޯވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް ބުނެ ހަބަރު ފަތުރާފައިވާއިރު އެއީވެސް ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ކަށަވަރުކޮށްދީފައިވާއިރު، ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް އެ ކުންފުނިން މަރުޙަބާ ކިޔާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫންކަމަށްވެސް ސްޓެލްކޯއިން ނެރުނު ބަޔާނުގައިވެއެވެ.