ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 282755 މީހުންނަށް


މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކުރައްވައިފައެވެ. ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

2018 ވަނަ އަހަރު ބޭއްވެވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 262135 މީހުންނަށެވެ. އެހެންކަމުން މި އަހަރު ރިޔާސީ އިންތިހާބުގައި 2018 ވަނަ އަހަރަށްވުރެ އިތުރަށް 19755 މީހުން ވޯޓްލުމުގެ ޙައްޤު އޮންނާނެއެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ލިބެނެއެވެ.

އިލެކްޝަނުން ވަނީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ހުޅުއްވައިލައްވައިފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޤާނޫނު އަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާއެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރަން ނިންމާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނު ގެންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވިދާނެކަމާމެދު ވަނީ ސުވާލެއްގެ ތެރޭގައެވެ.

ޙުކުމް އިސްތިއުނާފުކޮށްފައިވާއިރު، މަތީ ކޯޓުން މި މައްސަލާގައި ނިންމާ ގޮތަކުން ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުޞަތު ވެސް ލިބިދާނެއެވެ. އިންތިޚާބުގައި ދެން ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވަނީ އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޑރ.މުޙައްމަދު މުނައްވަރުގެ އިތުރުން ޢުމަރު ނަޞީރެވެ.