ސްރީލަންކާގެ އިގްތިސާދު މިއަހަރު 2 އިންސައްތަ ދަށަށް ދާނެކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ލަފާކޮށްފިއެވެ.
ބުރާސްފަތިދުވަހު ލަންކާގެ މަރުކަޒީ ބޭންކުން ބުނީ މިއަހަރު އިގްތިސާދީ އަޑިއަޅާލިނަމަވެސް އަންނަ އަހަރު އެ ޤައުމުގެ އިޤްތިޞާދު 3.3 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަަށެެވެ.
ލަންކާގެ މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނީ ލަންކާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ މާލީ ދަތިކަމާއި ހެދި ސިޔާސީ ގޮތުންވެސް ހަލަބޮލިވެ، އިންފްލޭޝަން މަތިވުމުގެ ސަބަބުން އެ ގައުމުގެ ބޭރު ފައިސާގެ ރިޒާރވް ރެކޯޑް އަދަދަކަށް ދަށްވެފައިވާކަމަށެވެ. މިއާއިއެކު މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދީ ދުވެލި ވަނީ %7.8 އަށް މަޑުޖެހިފައެވެ.
ލަންކާގެ އިގްތިސާދީ ދުވެލި މިއަހަރު މަޑުޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ މިންވަރަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން އިގްތިސާދު މަޑުޖެހޭނެ ކަމަށް ލަފާކޮށްފައިވާ %3.1 އަށް ވުރެ ރަނގަޅު މިންވަރެކެވެ.
އައިއެމްއެފްއިން މިދިޔަ މަހު ވަނީ ގާތްގަޑަކަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް ލަންކާއަށް ފާސްކޮށްދީފައެވެ. އައިއެމްއެފްގެ އިތުރުން ވޯލްޑް ބޭންކުންވެސް ވަނީ ލަންކާގެ އިގްތިސާދީ ދުވެލި މިއަހަރު %4.3 އަށް މަޑުޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
"މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ލަންކާގެ އިގްތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަނީ. ތެޔޮ ހޯދަން އޮންނަ ދިގު ކިޔުތަކާއި، އެހެނިހެން ދަތިތަކުގެ އިތުރުން އިންފްލޭޝަންވެސް ދަށްވަމުން އެބަދޭ" ސީއޭއެލް ގްރޫޕްގެ ޗީފް ސްޓްރެޓެޖިސްޓް އުދީޝަން ޖޯނަސް ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަން ފަދަ ދާއިރާތައް ރަނގަޅުވަމުން އަންނަ ކަމަށާއި، ކޮންސިއުމަރުންގެ ޑިމާންޑުވެސް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ދަރަނިތައް ނުދެއްކި ލަންކާއިން މިހާރު އަންނަނީ ބޮންޑް ހޯލްޑަރުންނާއި ބައިލެޓަރަލް ކްރެޑިޓަރުންނާއެކު ދަރަނި އަނބުރާ ދެއްކުމަށް މަޝްވަރާތައް ކުރަމުންނެވެ. އެ ގައުމުން ލަފާކުރާ ގޮތުގައި ދަރަނި އަލުން އެކުލަވާލުމުގެ މަސައްކަތް ނިމި އަންނަ ސެޕްޓެމްބަރުމަހު އައިއެމްއެފްގެ ފުރަތަމަ ރެވިއުއަށް ދެވޭވަރު ވާނެއެވެ.