ދުނިޔޭގެ ވިޔަފާރި

މެޓާއަށް 5.7 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް


ފޭސްބުކް، އިންސްޓްގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.7 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުނީގެ ޖުމްލަ އާމްދަނީ 28.6 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. މީގެއިތުރުން އެ ކުންފުނިން ބުނި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައިގެ ދާއިރާއިން މުޅި ކުންފުންޏަށް ރަނގަޅު ނަތީޖާތަކެއް އަންނަނީ ލިބެމުންނެވެ.

މެޓާގެ ޗީފް އެގްޒެކެޓިވް މާކް ޒުކަބާގް ވިދާޅުވީ މެޓާގެ ފެންވަރު ރަނގަޅުވަމުން އަންނަކަމަށާއި ދިގު މުއްތަކަށް ކަނޑައަޅާފައި އޮތް ކުންފުނީގެ ތަސައްވަރަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މަދު ތަފްސީލެއް ހުށަހެޅި ނަމަވެސް ޒުކަބާގް ވިދާޅުވި ގޮތުގައި މެޓާއިން ވަޓްސްއެޕް އަދި މެސެންޖާގައި ޗެޓް ތަޖުރިބާތަކާއި ފޭސްބުކް އަދި އިންސްޓަގްރާމް އަދި އިޝްތިހާރުތަކުގައި ޕޯސްޓްތަކަށް ވިޝުއަލް ކްރިއޭޝަން ޓޫލްސް އަދި ވީޑިއޯ އަދި މަލްޓި މޯޑަލް ތަޖުރިބާތައްވެސް އަންނަނީ ހޯދަމުންނެވެ. އަދި މެޓާއަށް ފައިދާވެފައި މިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށް ގިނަ ޕްރޮޖެކްޓްތަކެއް މަދުކޮށްފައިވަނިކޮށް ކަމަށްވެސް ޒުކަބާގް ފާހަގަކުރެއްވިއެވެ.

މެޓާއަކީ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނައިން މަދުކުރި އެއް ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން ވަނީ 20 ހާހަށްވުރެ ގިނަ މުވައްޒަފުން މަދުކޮށްފައެވެ.