ދުނިޔެ

ހައްދުފަހަނައަޅާފައި ފަރާތްތަކާ ދެކޮޅަށް އުރުދުންގެ ސިފައިން


އުރުދުންގެ އުތުރުގައި ހަރަކާތްތެރިވަމުންދާ ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އެތަށް ބަޔަކު މަރާލައިފިއެވެ. އުރުދުންގެ ރަސްމީ ޓީވީން ބުނާގޮތުން މިއޮޕަރޭޝަންގެ ބޭނުމަކީ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުންގެ ތެރެއިން ދައުލަތާ ދެކޮޅަށް ބޮޑެތި ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ މީހުން ހައްޔަރުކުރުން ކަމަށެވެ.

އުރުދުންގެ ސަލާމަތީ ބާރުތަކުން މިއޮޕަރޭޝަން ހިންގަމުން ގެންދަނީ އެޤައުމުގެ އުތުރުގެ ރަށެއްކަމަށްވާ އިރްބިދްގައެވެ. މިއީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފިކުރުތައް ގެންގުޅޭ ޖަމާޢަތްތަކުގެ ހަރަކާތްތައް ބޮޑު ސަރަހައްދެކެވެ. މިފަދަ ހަރުކަށި ޖަމާޢަތްތަކުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމާއި އާންމުންގެ ދިރިއުޅުމަށް ގޯނާކުރުމާ އަދި އަމަން އަމާން ނަގާލުމުގެ އަމަލުތައް ހިމެނެއެވެ.

މިފަދަ މީހުން ހައްޔަރުކުރުމަށް އުރުދުންގެ ސަލާމަތީ ބާރުތައް ވަރުގަދަ ހަތިޔާރާއެކު 4 ދިމާލަކުން އަންގާރަ ދުވަހު އިރްބިދްއަށް ވަނުމާއެކު އެމީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި ދެފަރާތުންވެސް ބަޑީގެ ޙަމަލާތައް ބަދަލުކޮށްފައިވެއެވެ. މިހަމަލާތަކުގައި ހަރުކަށި މީހުންގެ ތެރެއިން އެއްބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވިއިރު އުރުދުންގެ ސަލާމަތީ ބާރުތަކުގެ ތެރެއިންވެސް އެކަކު މަރުވެ 3 މީހުން ޒަޚަމްވިކަމަށް އެޤައުމުގެ އަމަނާބެހޭ ދާއިރާތަކުން ބުނެއެވެ.

އުރުދުންގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެޤައުމުގެ އުތުރުގެ އިރްބިދާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަކީ އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތާ އަދި ޖަބްހަތުއްނުސްރާ ފަދަ ބިމުގައި ފަސާދަކޮށް ބޮންގޮއްވުން ފަދަ ހަރުކަށި އަމަލުތައް ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށް ހަމްދަރްދީވާ މީހުން ގިނަ ސަރަހައްދުތަކެކެވެ. އުރުދުންގެ ސަލާމަތީ ބާރުތަކުން އަބަދުވެސް މިފަދަ ފަރާތްތަކުގެ ހަރަކާތްތައް ބަލައި އެމީހުން މޮނިޓަރކޮށް ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރަމުން ގެންދެއެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް އުރުދުންގެ ސަލާމަތީ ބާރުތައް އިރުބިދް އާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަށް ހަތިޔާރާއެކުވަދެ ހައްދު ދީނީގޮތުން ހައްދުފަހަނަޅާފައިވާ މީހުންގެ ތެރެއިން 15 މީހުން ހައްޔަރުކޮށްފައިވެއެވެ.

އުރުދުނަކީ އައިއެސް ޖަމާއަތްފަދަ ހަރުކަށި ޖަމާޢަތްތައް އިރާޤާއި ސޫރިޔާގެ އިތުރުން މިސްރާއި ލީބިޔާފަދަ އަރަބި ޤައުމުތަކަށްވެސް ފެތުރެމުންދާތީ އެކަމާމެދު ކަންބޮޑުވާ ޤައުމެކެވެ. 2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާއެކު ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ޖިހާދެއް ކަމަށްބުނެ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާޢަތްތަކުން އުރުދުންގައި ވަރުގަދަ ޕްރޮޕަގެންޑާތަކެއް ހިންގާފައިވެއެވެ. މި ޕްރޮޕަގެންޑާތަކުގެ އަވައިގައިޖެހި މަގު ގެއްލި އުރުދުންގެ ޒުވާނުންގެ އެތަށް ސަތޭކަ ބަޔަކު ސޫރިޔާގެ ހަނގުރާމައަށް ގޮސްފައިވެއެވެ. އަދި މީގެތެރެއިން ގިނައަދަދެއްގެ ޒުވާނުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރުވަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އުރުދުންގައި ހަރަކާތްތެރިވާ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ މީހުންނަކީ އެޤައުމުގެ އަމްނާއި އަމާންކަމާއި ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައި އުރުދުންގެ ސަރުކާރު އަބަދުވެސް ދެކެމުންދެއެވެ. މިއާއެކު އެޖަމާޢަތްތައް ބޮޑުވެ ފުޅާވުމުގެ ފުރުޞަތު ނުދިނުމަށްޓަކައި އުރުދުންގެ ސަލާމަތީ ބާރުތައް އެފަދަ ފަރާތްތަކާ ދެކޮޅަށް ދުރާލައި ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.