ޚަބަރު

ރާއްޖެ ގެނައި 5،000 ރުއް އަންނަ ހަފްތާގައި ބައްސަވަން ފަށްޓަވަނީ


ރާއްޖޭހެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާއްޓާއި ކުރުނބާ ލިބުން ދަތިވުމާއި ގުޅިގެން ސަރުކާރުން ރާއްޖެ ގެނައި 5000 ރުއް އަންނަ ހަފްތާގައި ބަހަން ފަށްޓަވާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރިކަލްޗަރ މިނިސްޓްރީގެ، ފޮރެސްޓް ޓްރީސް އެންޑް ރީހޭބިލިޓޭޝަން ސެންޓަރުގެ ޑިރެކްޓަރ ހުސެއިން ފައިޞަލް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން 7 އަތޮޅެއްގެ 11 ރަށަކަށް ރުއްތައް ބެހުމަށް ނިންމަވާފައިވާކަމަށެވެ.

މި ރުއްތައް ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅުތެރެއަށް، 3 ބުރަކަށް ބަހާލައިންގެން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީއިން ވިދާޅުވިއެވެ. ފައިޞަލް ވިދާޅުވީ ރުއް ބެހުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، ރުއް އިންދުމުގެ މަސައްކަތްވެސް ވަކި ޚާއްޞަ ގޮތްތަކަށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖެއަށް ގެނައި ފަސް ހާސް ރުއް މިވަގުތުހުރީ ކަރަންޓީންކޮށްފައެވެ. ފައިޞަލް ވިދާޅުވީ މިހާތަނަށް ރުއްތައް ބަހަން ފަށްޓަވާފައިނުވަނީ، ހަނިމާދޫގައި ކަރަންޓީނުގައި ބެހެއްޓި ރުއްތަކަށް ބައްޔެއް ޖެހިފައި ހުރިތޯ ބެލުމަށް ވަގުތު ނެގުމުންކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި މަސްތެރޭގައިވެސް ބަހާ ނިންމާލެވޭތޯ. އަޅުގަނޑުމެން ބެލިން ނިމިދިޔަ ރޯދަމަސްތެރޭގައިވެސް އެކަން ކޮށް ނިންމާލެވޭތޯ. ރޯދަމަހަކީ ޢާންމުގޮތެއްގައި ތަންކޮޅެއް ބުރަ މަހަކަށްވާތީ. އެކަހަލަ ބުރަ މަސައްކަތް ކުރަން ތަންކޮޅެއް އުނދަގޫ ދުވަސްވަރަކަށް ވުމުން، ބޭނުން ގޮތަކަށް ރުއްތައް އިންދާ ވަޅުތައް ކޮނެ ނުނިމުމުނު." ފޮރެސްޓް ޓްރީސް އެންޑް ރީހޭބިލިޓޭޝަން ސެންޓަރުގެ ޑިރެކްޓަރ ހުސެއިން ފައިޞަލް ވިދާޅުވިއެވެ.

މިހާރުވެސް ރުއްދަނޑު އިންދުމާއި ގުޅޭ ގޮތުން އެކި އަތޮޅުތަކުގައި އެކަމާއި ގުޅޭ ޕްރޮޕޯސަލްތައް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، މި ހަފްތާތެރޭ ރުއް އިންދާ ވަޅުތައް ކޮނެ ނިންމާލެވޭނެކަމަށް ފައިޞަލް ވިދާޅުވިއެވެ. އަދި އަންނަ ހަފްތާތެރޭ ފުރަތަމަ ރަށަށް ރުއްތައް ފޯރު ކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންގެންދާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީއިން ވިދާޅުވިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ރަށްރަށް ރުއްތައް ބެހުމަށް ނިންމާފައިވާއިރު، ރަށްރަށަށް އެ ރއްތައް ބަހާނީ، ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ ބެލުމަށްފަހުކަމަށެވެ. އެގޮތުން ރަށްރަށުގެ ރަށު ކައުންސިލްތަކާ މަޝްވަރާކޮށް، ރުއްތަށް ބެލެހެއްޓުމަށް ވަކި ބަޔަކު ޚާއްޞަކުރުމަށް މަސައްކަތްކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީއިން ވިދާޅުވީ ރަށްތަކުގެ ކައުންސިލު އިދާރާގެ ބައެއް މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަމިއްލަ ޖަމްިއްޔާތައްވެސް ރުއްދަނޑުތައް ބެހެލެއްޓުމަށް އެ މިނިސްޓްރީއަށް ޕްރޮޕޯސަލްތައް ހުށައަޅާފައިވާކަމަށެވެ. މީގެއިތުރުން ރުއްދަނޑުތައް ދާއިމީ ގޮތަކަށް ބެލެހެއްޓުމާއި ރުއްތަކާއި ބެހޭ ރިޕޯޓްތައްވެސް ޤަވާއިދުން އެކި ދުވަސްތަކަށް ބަހާލައިގެން ނަގަމުން ގެންދަވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން އެ މިނިސްޓްރީން އެކި ރަށްރަށް ވަކި ޢަދަދަކަށް ބެހުމަށް ނިންމެވީ، ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، އެކި އަތޮޅުތަކުން އެކި ވަރުގެ ބިން ރުއްދަނޑު ހެއްދުމަށް ނިންމާފައިވާތީކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވިއެވެ.

"ރުއްދަނޑުތައް އެޅުމަށް ހަމަޖެހިފައިވަނީ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން އެއްބައި ރަށްތަކަށް 400 ރުއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާއިރު، އަނެއްބައި ރަށްތަކަކަށް ހަމަޖެހިފައިވަނީ 200 ވަރަކަށް ރުއް ހަދިޔާ ކުރެވޭ ގޮތައް" ފައިޞަލް ވިދާޅުވިއެވެ.

ރާއްޖެ ގެނެސްފައިވާ ރުއްތަކުން ބައްޔެއް ޖެހިފައި ހުރި ތޯ ފާހަގަ ކުރުމަށް ހަނިމާދޫ ސެންޓަރުގައި ބެހެއްތިފައި ހުރި 5000 ކުދި ރުއްތަކުން މިހާތަނަށް އެއްވެެސް ބައްޔެއް ހުރިތޯ ފާހަގަވެފައި ނެތްކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރަށްތަކަށް ބެހުމަށް ހަމަޖެހިފައިވާ ރުއްތަކުން އެހެން ގަސްތަކަށް ނުވަތަ ރަށުގައި ހުރި އެހެން ރުއްރުކަށްވެސް ބައްޔެއް ނުޖެހޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ލަފާކުރައްވަނީ ރަށްރަށް ބެހުމަށް ރައްޖެއިން ގެނައި ރުއްތަކުން 2 ނުވަތަ 3 އަހަރުތެރޭ ކުނރުބާ ލިބި ނަފާ ލިބޭނެކަމަށެވެ.

"ސަރުކާރުން މި ގެނައި ރުއްތައް ރާއްޖޭގެ ފެނަށް ދިރުވަން އުނދަގުލެއް ނުވާނެ. ރާއްޖެއިން ބޭރުގެ މުޑުވަކެއް ނަމަވެސް 3 އަހަރަށް ވުރެން އިތުރު ނުވާނެ. އެކި ރަށްރަށުގައި މާހައުލުގަޔާއި ރުއްތައް ބެލެހެއްޓުމުގައި ތަފާތުތަކެއް ހުރެދާނެ ނަމަވެސް މީ ހަމަ ރާއްޖޭގައި މިހާރުވެސް އިންދަމުންގެންދާ މެލޭޝިޔާ ރުއް ކަހަލަ މުޑުވަކެއް." ފައިޞަލް ވިދާޅުވިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުހިހާ އަތޮޅުތަކެއްގައިވެެސް ރުއްދަނޑުތައް ހެއްދުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.