ޚަބަރު

ސިއްޙީ ދާއިރާގައި ދިވެހިންގެ ހިއްސާ ބޮޑުކޮށް، ޤައުމުން ބޭރަށްދާ ފައިސާ މަދުކުރަންޖެހޭ: ހެލްތު މިނިސްޓަރ


ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުމާއެކު މި ދާއިރާގައި ދިވެހިންގެ ހިއްސާ ބޮޑުކޮށް، ޤައުމުން ބޭރަށް ފޮނުވާ ފައިސާ މަދުކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ކުރިއެރުންތަކުގެ މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަޞީމް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ދިރާސާތަކެއް ކުރައްވާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

މުސާރައަށް އައި ބަދަލާއެކު ދިވެހި މުވައްޒަފުން ކުރިއަށްދެވޭނެ މަގު ވަރަށް ބޮޑަށް ސާފުވެފައިވާކަމަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރު އިތުރުކޮށް ހުނަރު އިތުރުކުރުމަށްވެސް މިކަމުގެ ސަބަބުން ހިތްވަރެއް ލިބިގެންދާނެކަމަށް މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބޭރު މުވައްޒަފުންނަށް ކުރާ ޚަރަދުކުޑަކޮށް، އެފައިސާ ދިވެހިންނަށް ލިބޭ ގޮތް ހަދަންޖެހޭކަމަށެވެ.

"މުވައްޒަފުންގެ މުސާރައަށްއައި ކުރިއެރުމާއެކު މިދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާންވާނެ . އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ ޝައުގުވެރިކަންވެސް އިތުރުވާނެ. "ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމުގެ ކަންކަމުގައި އުޅޭ މީހުންގެ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ.

މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުން ފަދަ ކަންކަން ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީގައި ސިއްހީ ހިދުމަތްދިނުމުގެ ކަންކަމުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ ދެމިތިބުން މަދުވެފައިވާއިރު މުސާރައިގެ ކުރިއެރުމާއެކު މުވައްޒަފުން ހިފެހެއްޓުމަށް ފަސޭހަވެގެންދާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދާއިރާއަކީ މޮޅަށް ކިޔަވައިގެން ކޮލިފައިޑް، ތަޖުރިބާ ތިބި މީހުން މަސައްކަތް ކުރަންޖެހޭ ދާއިރާއެއް. އުއްމީދަކީ މިފުރުޞަތުގައި ކޮލިފައިޑް މީހުން ޖެންޑަރ މިނިސްޓްރީގައި އުފެއްދޭނެކަމަށް" ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ 3710 ފަންނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ.

އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި ޖެންޑަރ މިނިސްޓްރީ އަދި ސްކޫލްތަކުގައި ސިއްހީ ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރައްވާ މުވައްޒަފުންނެވެ.