ޚަބަރު

5 ރަށުގެ އައިސްޕްލާންޓާއެކު ރައީސްގެ ވަޢުދުފުޅު ފުއްދިއްޖެ: ޑރ.ޙުސައިން


އަލަށް ޤާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު، ސަރުކާރުގެ ވަޢުދު ފުއްދިއްޖެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ފަސް ރަށެއްގައި އައިސްޕްލާންޓް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަށް އައިސްޕްލާންޓް ޤާއިމްކުރުރަން ހަވާލުކުރި ރަށްތަކަކީ ހއ.ދިއްދޫ، ގދ.ރަތަފަންދޫ، އއ.ރަސްދޫ، ދ.މީދޫ އަދި ލ. މާމެންދޫއެވެ. މި5 ރަށުގައިވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓްތަކެކެވެ. މި އައިސްޕްލާންޓްތައް ޤާއިމްކުރުމަށް ހަވާލުކުރީ ފެނެކަ ކޯޕަރޭޝަނަށެވެ.

މި އައިސްޕްލަންޓްތައް ޤާއިމްކުރުމަށް އެއްބެސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، އަލަށް ޤާއިމްކުރުމަށް ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު، އެދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުނީކަމަށެވެ.

މިނިސްޓަރ ވިދާޅުވި އައިސްޕްލާންޓްތައް ޤާއިމްކުރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ، އެ އައިސްޕާންޓްތަކަށް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދެއްވާތީކަމަށެވެ.

"މި ފަސް ރަށުގައި އައިސް ޕްލާންޓް ޤާއިމުކުރެވުނީމަ އައިސް ޕްލާންޓް ޤާއިމު ކުރުމަށް ވެފައިވާ ވަޢުދުތައް ފުރިހަމަވާނެ." މިނިސްޓަރ ޑރ.ޙުސައިން ވިދާޅުވިއެވެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، އަލަށް ޤާއިމްކުރާ 5 އައިސްޕްލާންޓްގެ މަސައްކަތް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. ސަޢީދު ވިދާޅުވީ، ފެނަކައިގެ ދަށުން ހިންގާ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

"އެއްވެސް ކަހަލަ ބޮޑު މައްސަލައެއް ދިމާނުވެ މިހާރު ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި އައިސް ޕްލާންޓްތަކުން، އައިސް ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ. އެހެން ނަމަވެސް އެ އައިސް ޕަލާންޓަތަކުގެ ކެޕޭސިޓި އިތުރުކުރުމަކީ ކޮންމެހެން މިއަދު ކުރަން ޖެހޭ ކަމަކަށް ވަތީވެ، އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް މިދަނީ ކުރަމުން " ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ރ.މަޑުއްވަރީ، ބ.ތުޅާދޫ، ޅ.ފެލިވަރު، ކ.ގާފަރު، ފ.ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓް އަދި ހއ.ހޯރަފުށި ހިމެނެއެވެ. މިއީ މުޅިންވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.